އަހުމަދު މަސްނޫމް   20 ސެޕްޓެމްބަރު 2023 - 22:57
ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް ދީފައިވާ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އަނެއްކާވެސް އިތުރުކޮށްފިއެވެ.

ނާރުގެ ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި 12 ވަނަ ދުވަހުއެވެ.

އަދީބު ބޭސްފަރުވާއަށް ވަޑައިގަތުމަށް ހުއްދަދެއްވީ، ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭރު ބުނެފައެވެ.

ބޭސްފަރުވާއަށް އަދީބަށް ދެއްވި 10 ދުވަހުގެ މުއްދަތު ޖުލައި 22 އަށް ހަމަވުމުން، އެ މުއްދަތު އޯގަސްޓް 28އާއި ހަމައަށް ކަރެކްޝަނަލް ސާރވިސްއިން ވަނީ މީގެކުރިން އިތުރުކޮށްދީފައެވެ. އޭގެ ފަހުން އެ މުއްދަތު ހަމަވުމުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އަނެއްކާވެސް މުއްދަތު އިތުރުކޮށްދިނެވެ.

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދީފައިވާ މުއްދަތު ހަމަވުމުން އަނެއްކާވެސް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި އަދީބު އެދިވަޑައިގެންނެވުމުން، އެ މުއައްސަސާއިން ވަނީ އަދީބު ބޭސް ފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ އަދީބު އެދިވަޑައިގެންފައިވަނީ ބޭސް ފަރުވާގެ މުއްދަތު އަންނަމަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިތުރުކޮށްދެއްވުމަށްކަމަށްވާތީ، އެ ދުވަހާއި ހަމައަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ.

އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އަދީބު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީން ބުނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ނޫންކަމަށްވެސް އަދީބުގެ އާއިލާއިން ބުނެފައިވެއެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން