ސިފައިންގެ ބޯހިޔާވަހިކަމަށް އިމާރާތްކުރި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ސިފައިންނަށް އިމާރާތްކޮށްދެއްވާފައިވާ ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުދަޑިތައް ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

ސިފްކޯއިން ފްލެޓް ލިބުނު އާއިލާތަކަށް، ލިބޭ ފްލެޓް ކަނޑައަޅާފައިވަނީ މިމަހު ކުރީކޮޅު ބޭއްވި ގުރުއަތުންނެވެ.

3 ޓަވަރަކަށް ތަރައްޤީކޮށްފައިވާ މި ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ ޓަވަރ A އިން ފްލެޓް ލިބުނު ފަރާތްތަކަށެވެ. އަދި ތަޅުދަނޑި ޙަވާލުކުރުމަށްަފަހު، އެޕާޓްމަންޓްތައް ބަލާލުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.

މިއީ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބިންގާއެޅި މަޝްރޫޢެކެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގު ދެމިގެން ދަނިކޮށް، މަޝްރޫޢު ބާރު ސްޕީޑްގައި ގެންގޮސް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުއެވެ.

"ސިފްކޯ ހިޔާ"ގެ ތިން ޓަވަރުގައި މީހުން ދިރިއުޅެވޭ ވަރަށް އެތަނުގެ ރެސިޑެންޝަލް ހުރިހާ މަސައްކަތްތަކެއް ނިމިފައިވާއިރު ތިން ޓަވަރުގެ ޕާމަނަންޓް ކަރަންޓާއި ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތްތައް ވެސް ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ފްލެޓުތަކުގެ ލިފްޓްތައް ސަރވިސްއަށް ގެނެވިފައިވާއިރު، އިންޓަނެޓާއި ޓީވީގެ ޚިދުމަތް ދިނުމަށް ދިރާގާއި އުރީދޫއާއި އެސްއެސްނެޓްގެ އިތުރުން މީޑިއާނެޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ސިފްކޯ ހިޔާގެ މަޝްރޫޢު ނިމުމާއެކު ސިފައިންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ އުނދަގޫ ދަތި ހާލަތަށް، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށާއި، ސިފްކޯ ހިޔާ ވެގެންދާނީ ސިފައިންގެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި އުފާ ފާގަތިކަމާއެކު ދިރިއުޅެވޭނެ ފަދަ ހިތްގައިމު މާހައުލަކަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން