އިއްޔެ ޅ.ކުރެންދޫއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ގުޅިގެން 60 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ކުރެންދޫއަށް އިއްޔެ ކުރި ވިއްސާރައިގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނާއި ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ވަނީ އެ ރަށުގައި ހަރަކްތެރިވެފައެވެ. މިގޮތުން، އެ ރަށުގެ މަގުތަކުގައި ހެދުނު ފެންގަނޑުތައް ހިންދުމަށް ޓަކައި ކޯރު ކެނޑުމުގެ މަސައްކަތާއި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ.

ކުރެންދޫ ކައުންސިލުން ބުނީ އިއްޔެ ކުރި ވިއްސާރައިގައި އެ ރަށު 62 ގެއަކަށް ގެއްލުން ލިބިފައިވާކަމަށެވެ. އެގޮތުން ގޭގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

ކުރެންދޫ ކައުންސިލުން ބުނީ ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާޢި ތަފްސީލްތައް ނަގާ ނިމުމުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް އެ މައުލޫމާތު ފޮނުވާނެކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ ކުރެންދޫގެ ގެތަކަށް ލިބުނު ގެއްލުން ވަޒަން ކުރުމަށްފަހު ގެއްލުން ލިބުނު ގެތަކަށް އޮންނަ އުސޫލުގެ ތެރެއިން އެހީތެރިކަން ދެއްވާނެކަމަށެވެ.

ރާއްޖެއަށް މިދުވަސްވަރު ވިއްސާރަ ކުރަމުންދާއިރު، ކުރިއަަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން