އާންމު ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ބައެއް ސުލްހަވެރި އެއްވުންތަކާއި ކެމްޕޭނު ހަރަކާތްތަކަށް ފުލުހުން ގާނޫނީ އިމުގެ ބޭރުން ހުރަސް އަޅައި އެފަދަަ ހަރަކާތްތައް ހުއްޓުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން އެހެން ބުނީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބު މޮނިޓާ ކުރުމުގެ ތެރެއިން ފާހަގަކުރެވުނު މުހިންމު ކަންކަމާ ގުޅޭ ގޮތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެެވެ. އެ ބަޔާނުގައި އެޗްއާރުސީއެމުން ވަނީ އިންތިހާބުގެ ތެރޭގައި އެ ކޮމިޝަނަށް ފާހަގަކުރެވުނު ގިނަ މައްސަލަތަކެެއް ހިމަނާފައެެވެ.

 

އެޗްއާރުއެސީއެމްގެ ބަޔާނުގައި ބުނެފައިވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ބައެއް ކަންކަން ހިނގަމުންދާ ކަމަށެވެ. އެގޮތުން ވޯޓަށް ނުފޫޒު ފޯރުވުމަށް ބައެއް ފަރާތްތަކުން ވޯޓު ގަތުމާއި، ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރުމަށް ޝަރުތުކޮށް ވަޒީފާ ދިނުމާއި، ވަކި ކެންޑިޑޭޓަކަށް ތާއިދު ނުކުރުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުން ފަދަ ތުހުމަތުތައް ކުރެވޭ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްއާރުއެސީއެމުން ބުނީ، މިފަދަ ކަންކަން ހިނގައިދިއުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމުގެ ޝަކުވާވެސް ފެންނަ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެެވެ.

އެޗްއާރުސީއެމުން ބުނީ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން ސުލްހަވެރިކަމާ އެކީ ބޭއްވި އެއްވުންތައް ގާނޫނީ އިމުގެ ބޭރުން ފުލުހުން ރޫޅާލައި ކެމްޕެއިން ކުރަން ޖާގަ ނުދޭ ކަމުގެ ޝަކުވާ މީސްމީޑިއާއިންނާއި އިންތިހާބު މޮނިޓާ ކުރުމުގެ ތެރެއިން އެ ކޮމިޝަނަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގާއި، އެއްވެއުޅުމުގެ މިނިވަންކަން ގާނޫނުން ލިބިދޭ އެންމެ ފުޅާ މިންވަރަށް ލިބިދޭކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެެ.

އޭގެ އިތުރުން އެހެން ކެންޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސް އެޅުމާއި، އެންޓި-ކެމްޕެއިން ކުރުމަށްޓަކައި އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުމާއި، ފުރައްސާކުރުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި ބައެއް ފަހަރު ޖިސްމާނީ ގޮތުން ގެއްލުން ލިބިދާނެ ފަދަ ކަންކަން ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެެވެ. އަދި މިކަން މިގޮތަށް ނުކުރަން އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށާއި އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނިގޮތުގައި މިފަދަ ކަންކަމަކީ މީގެ ކުރީގެ އިންތިހާބުތަކުގައިވެސް ފާހަގަވެފައިވާ ކަންކަން ކަމަށެވެ. ނަމަވެސް މިކަމަށް ހައްލު ހޯދުމަކީ މިހާރު ޤާނޫނު އޮތް ގޮތުން ގޮންޖެހުން ހުރި ކަމެއް ކަން އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައިވެއެވެ.

އެ ކޮމިޝަނުން ވަނީ މި ބަދަލުތައް ގެނެސްދިނުމަށް މީގެ ކުރިންވެސް ވަކާލާތު ކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި ކަމާއި ބެހޭ މުޢައްސަސާތަކުން މިބަދަލުތައް ގެނެސްދިނުމަށް އެންމެހައި މަސައްކަތް ކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން