އަމީނީ މަގު ހެދުމުގެ މަސައްކަތް މަޑުޖައްސާލީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިވެދާނެތީ އިލެކްޝަންސް ކޮމިޝަނުން އެދިގެންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނެފިއެވެ.

13 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަދި މިހާތަނަށް އައިއިރު 2 ސެގްމަންޓެއް ފިޔަވައި އެހެން ސެގްމަންޓްތަކުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

އާރުޑީސީން ބުނީ އަމީނީ މަގުގައި ނުނިމި އޮތް ދެ ސެގްމަންޓްގެ މަސައްކަތް މިމަހު ފެށުމަށް އޮތީ ތައްޔާރަށްކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބާއި ގުޅޭ އެކި ކަންކަން ކުރިއަށްދާތީ، މަގުތަކަށް ބާރުބޮޑުވުމުގެ ފުރުސަތު އޮތުމުން އިންތިޚާބުގެ ކަންކަން ނިމެންދެން މަގު ހެދުމުގެ މަސައްކަތް މަޑު ޖައްސާލުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާކަމަށް އާރުޑީސީން ބުނެއެވެ.

އާރުޑީސީން އިންތިޚާބު ނިމުމާއެކު އަމީނީ މަގުގެ ނުނިމި އޮތް ދެ ސެގްމަންޓް ހެދުމުގެ މަސައްކަތް ފަށާނެކަމަށާއި، އަދި މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްވެސް ނިންމާލާނެކަމަށެވެ.

އާރުޑީސީން މިހާތަނަށް އައިއިރު ވަނީ އަމީނީ މަގުގެ ބޮޑު ބައެއް ނިންމާލުމަށްފަހު އާއްމުންނަށް ހުޅުވާލާފައެވެ.

ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން