ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒަމަކަށް ބަދަލުކުރާނަމަ، ޖެހޭނީ މިހާރު އޮތް ޤާނޫނު އަސާސީ ބަދަލުކޮށް މުޅި ޤާނޫނު އަސާސީ އަލުން ލިޔެ އެކުލަވާލަންކަމަށާ، އެއީ ހަމައެކަނި ޤާނޫނު އަސާސީގެ ރައީސުލްޖުމްހޫރިއްޔާގެ ބާބު ބޮޑުވަޒީރުގެ ބާބަށް ބަދަލުކޮށްގެން ކުރެވޭނެކަމެއް ނޫންކަމަށް މިހާރު ޢަމަލުކުރަންދާ ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބުރާ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އިބްރާ އިޝާރާތްކުރައްވާފައިވަނީ މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ އޮތީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ނޫންކަން ހާމަކުރެއްވުމުގެ ގޮތުންނެވެ. މިޤާނޫނު އަސާސީ އެކުލަވާލީ ރިޔާސީ ނިޒާމަކަށް ބޮޑަށް ބުރަވާ މަސްހުރި ސިފަތަކެއްގެމައްޗަށް ކަމަށް ޤާނޫނީ މާހިރުން ވިދާޅުވެއެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ނިޒާމުތޯ ބެލުމަށް އެންމެފަހުން ވޯޓެއް ނެގީ މި ޤާނޫނު އަސާސީ އެކުލަވާލި ދުވަސްވަރުއެވެ. އެހެންކަމުން ޤާނޫނު އަސާސީ މުޅިން ފުރިހަމަކޮށް ނިންމައި ތަސްދީޤުކުރެއްވީ ރިޔާސީ ނިޒާމެއްގައި ޢަމަލުކުރާގޮތަށެވެ. އެހެންކަމުން ޤާނޫނު އަސާސީގެ ހުރިހާ ބާބެއްވެސް ފަހިވެފައިވަނީ މިހާރު އޮތް ނިޒާމަށެވެ. މިހެން ޤާނޫނު އަސާސީ އޮއްވައި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ބާބު ބަދަލުކޮށްގެން ބަރުލަމާނީ ނިޒާމެއް ގެނެސްފިނަމަ ގިނަ މައްސަލަތައް ކުރިމަތިވާނެކަމަށް ބައެއް ޤާނޫނީ މާހިރުންވެސް ވިދާޅުވެއެވެ.



ފެހި ޤާނޫނު އަސާސީ އެކުލަވާލިއިރު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އޮތް މައިގަނޑު ރޫޙަކީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމުގެ ފިކުރެވެ. އެހެންކަމުން ނިޒާމީ ވޯޓުގައި އޭރު ރައީސް މައުމޫން ރިޔާސީ ނިޒާމަކަށް ތާޢިދުކުރެއްވުމުން އިދިކޮޅު އެމްޑީޕީއާއި އެމްޑީޕީއަށް ތާޢީދުކުރި ވަރަށްގިނަބަޔަކު ތާޢީދުކޮށް ވޯޓުލީ ބަރުލަމާނީ ނިޒާމަށެވެ. އެހެންނަމަވެސް ރައީސް މައުމޫނުގެ ވެރިން ބަދަލުވުމާއެކު، އޭރު ބަރުލަމާނީ ނިޒާމަށް ތާޢީދުކުރި ބައެއް މީހުންވެސް އެވިސްނުން ދޫކޮށްލިއެވެ. އަދި ރާއްޖެއަށް އެންމެ ގުޅޭ އެކަށީގެންވާ ނިޒާމަކީ ސަރުކާރުގެ އެންމެ އިސްވެރިޔާ އިންތިޚާބުކުރުމުގެ ފުރިހަމަ ބާރު މުޅި ރައްޔިތުންނަށް އޮންނަ ރިޔާސީ ނިޒާމުކަމަށް އެމްޑީޕީގެ ވަރަށްގިނަ ބޭފުޅުންވެސް ފަހުން ބުނަންފެށިއެވެ.

މިހަރުވެސް އަނެއްކާވެސް ނިޒާމީ ވޯޓެއްނަގަން ގޮވާލައި ބަރުލަމާނީ ނިޒާމު ގެނައުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ރައީސް ރައީސް ނަޝީދެވެ. އެހެންނަމަވެސް ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސް ފިޔަވައި އެހެން ޕާޓީއަކުން ބަރުލަމާނީއަށް ތާޢީދުކުރާތީ ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން