ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމުގެ ތެރެއިން ބިރުވެރި ތަޖުރިބާތަކެއް ކުރެވުނު ކަމަށާއި ސިޔާސީ ކެރިއަރާއި ގުޅޭ ބޮޑު ނިންމުމެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ އިސް ބައެއް މެންބަރުން ގެންދަނީ އިންތިޚާބުގެ ދެވަނަބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި އެކަން ހާމަކުރަށްވަމުންނެވެ. އޭގެތެރޭގައި ޖޭޕީގެ ސްލޮޓްތަކުގައި މިހާރުވެސް ސަރުކާރުގެ ވަޒީފާ ތަކުގައި ތިއްބެވި ބޭފުޅުން ލިބިވަޑައިގަންނަވައެވެ.

އިންތިހާބުގެ ދެވަނަބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރައްވާކަން އަދި މިހާތަނަށް ހާމަކުރަށްވާފައިނުވާ އިލްހާމް ވިދާޅުވީ 2008 ވަނަ އަހަރު އޭނާ ސިޔާސީ މައިދާނަށް ނިކުމެ މަޖިލީހަށް އިންތިޚާބުވި ދުވަހުން ފެށިގެން ސިޔާސީގޮތުން ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ތަފާތު ގިނަ ތަޖްރިބާތަކެއް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން އިލްހާމްއާއި އޭނާގެ އާއިލާ ވަނީ އެކިފަހަރުމަތީން ފުރާނައަށް ނުރައްކާވާ ޙާލަތްތަކާއި ކުރިމަތިލައްވާފައި ކަމުގައި ވެސް އިލްހާމް ވިދާޅުވި އެވެ.

އަދި ތަހައްމަލު ކުރަންޖެހުން ކަންތައްތަކުގެ ތެރޭގައި އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ހުންނަންޖެހުމާއި، ކުށެއްނެތި ގިނަ ދުވަހު ހުރަގޭގައި ވަރަށް އަނިޔާވެރިކޮށް ބަންދުވެފައި އޮންނަންޖެހުނު ދުވަސްތަކެއްވެސް ދިޔަކަމުގައި އިލްހާމް ފާހަގަކުރެއްވިއެވެ.

"ތަހައްމަލު ކުރަންޖެހުން ކަންތައްތަކުގައި ތެރޭގައި އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ހުންނަންޖެހުމާއި، ކުށެއްނެތި ގިނަ ދުވަހު ހުރަގޭގައި ވަރަށް އަނިޔާވެރިކޮށް ބަންދުވެފައި އޮންނަންޖެހުނު ދުވަސްތަކެއްވެސް ދިޔަ." ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ކުރަންޖެހުނު ހިތްދަތި އިހުސާސްތަކާއި ތަހަންމަލް ކުރަންޖެހުނު އަނިޔާތަކުގެ މަތިން ހަނދާން އާކުރަށްވަމުން އިލްހާމް ވިދާޅުވެފައިވެއެވެ.

އިލްހާމް ވިދާޅުވީ އޭނާއަށް މިހުރިހާ ހިތި ތަޖުރިބާތަކުގެ އަލީގައާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ގޮތުން މުހިންމު ނިންމުމެއް ނިންމަން ޖެހިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އޭނާގެ ސިޔާސީ ހަޔާތް ތަރުތީބުވެގެންދާނީ މިދެންނެވުނު ނިންމުމުގެ މައްޗަށް ކަމުގައި އިލްހާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އިލްހާމްއާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުނެވެ. އޭގެ ފަހުން އޭނާ މަސައްކަތްކުރެއްވީ ގާސިމްގެ އަރިހުގައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖޭޕީން ނިންމި ނަމަވެސް ޖޭޕީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމުގެ އިޚްތިޔާރު ވަނީ ހުޅުވާލެވިފަވެއެވެ. ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ފަހުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ގާސިމްގެ ކެމްޕެއިން މެނޭޖަރއެއްގެ ގޮތުގައި ހަރަކާތްތެރިވި ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ ޖޭޕީން ވަކިވެ ވަޑައިގެންނެވިކަން އިއްޔެގައި އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން