ފޮޓޯ: އައްޑޫ ލައިވް
ފޮޓޯ: އައްޑޫ ލައިވް
ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސްގެ މަސައްކަތް ކުރަމުންދާ ހަމްބޯ ކުންފުނިން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށް ބިރުދައްކައިގެން މަކަރާ ހީލަތުން ފައިސާ ހޯދުމަށް އިތުރު ސުކޭމެއް ހިންގާ ކަމަށްބުނެ ޖިނާއީ ތަހްގީގް ކޮށްދިނުމަށް އެދި މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

އެޑަރވަރކަސީ ޗެމްބާސްއިން ފުލުހުންނަށް ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ ކޭޕާރކް އެޕާރޓްމެންޓް ކޮމްޕްލެކްސް އާއި ގުޅިގެން މިހާރު ވެސް އާއްމުންގެ ގިނަ ބަޔަކާއި އެކު އެއްބަސްވުންތަކެއް ހަދައި އެފަރާތްތަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާ މިހާރު ވެސް އެކުންފުނިން ނަނގާފައިވާ އިރު އެފަރާތްތަކަށް ބިރު ދައްކައިގެން މަކަރާއި ހީލަތުން އިތުރަށް ފައިސާ ހޯދުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލޯފާމުން ޕޮލިސް ކޮމިސަނަރ މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ހަމްބޯ ކުންފުނިން އިތުރު ފަރާތްތަކަކާއި އެކު އެއްބަސްވުންތަކެއް ހަދައި އެފަރާތްތަކުން ފައިސާ ނެގުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަކަށް ނުދެކޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިހާރު ވެސް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގާނޫނީ ގޮތުން އިތުރު ހުރަސްތަކެއް ކުރިމަތިވެގެންދާއިރު، މިކަމަކީ އެޕާޓްމެންޓް ވިއްކުމުގެ ނަމުގައި އެކުންފުނީގެ ފަރާތުން ހިންގާ އިތުރު ސްކޭމެއް ކަމަށް ދެކޭ ކަމުގައި ވެސް ސިޓީގައި ބުނެފައި ވެއެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިނު ސޮއި ކުރައްވައި ފޮނުވާފައިވާ އެ ސިޓީގައި ބުނެފައި ވަނީ ހަމްބޯ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާރކް ރެސިޑެންސުން އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކަށް ހަމްބޯ ކުންފުނިން ގުޅައި އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށް މަޖްބޫރު ކުރަމުންދާ ކަމަށާއި އަދި އައު އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތަކުގެ އެޕާޓްމެންޓްތައް ގެެއްލިގެންދާނެ ކަމަށް ބުނެ ބިރު ދައްކަވަމުންދާ ކަމަށެވެ.

މިމައްސަލަ މިހާރު ވެސް ފުލުހުން ތަހްގީގް ކުރަމުންދާ އިރު، މިތަނުން ފްލެޓް ގަތް އެތައް ބަޔަކަށް ވަނީ އެތައް ގެއްލުމަކާއި ކުރިމަތިލާން ޖެހިފަ އެވެ. މިމައްސަލައިގައި ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު މީގެ ކުރިން ފުލުހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

ލަގްޒަރީ އެޕާޓްމެންޓް ބިލްޑިންގް ގެ ގޮތުގައި 2016 ވަނަ އަހަރު ހުޅުމާލޭގައި ތަރައްގީ ކުރަންފެށި ކޭޕާކް ރެސިޑެންސްގެ ޚިޔާނާތާއި ގުޅިގެން އެތައް ބަޔަކަށްވަނީ މާލީގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭޕާކުން 110 އެޕާޓްމަންޓް ތަރައްޤީކުރާއިރު، އެއަށްވުރެ އިތުރަށް 60 އެޕާޓްމަންޓް ވަނީ ވިއްކާފައެވެ. ކޭޕާކުން އެތައް ބަޔަކު ބޮޑު އަގުގައި އެޕާޓްމެންޓްތައް ގަނެފައިވާއިރު، ހިލޭ އެޕާޓްމަންޓް ލިބުނު ބަޔަކުވެސް އުޅޭކަމުގެ އަޑުތަކެއް ދަނީ ދައުރުވަމުންނެވެ.

މިޚިޔާނާތުގެ މުގުލުގައި ހުރިކަމަށް މަޝްރޫޢުގެ މައި ކޮންޓްރެކްޓަރ ހަންބޯ ޓެކް ކުންފުނިން ތުހުމަތު ކުރަނީ މަމްދޫހު، ނުވަތަ މަންޑޭއަށެވެ. މަންޑޭ އަކީ މިމަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ ފަސް އިންސައްތަ ޙިއްސާދާރެވެ. ބާކީ 95 އިންސައްތަ ހިއްސާދާރަކީ އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ.

ކޭޕާކްގެ ޚިޔާނާތާއި ގުޅިގެން ނިއުޅެމުންދާ މަޢުލޫމާތަށް ބަލާއިރު މަންޑޭ ވަނީ އެއްވެސް އަގަކާއި ނުލައި މި ޖަރީމާ ހިންގުމަށް އޭނާއަށް އެހީތެރިވި ފަރާތްތަކަށް ހިލޭ ސާބަހަށް އެޕާޓްމެންޓުދީ އަދި އެމީހުން ފައިސާ ދެއްކި ކަމަށް ޑޮކިއުމެންޓް ހަދާދީފައެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން