އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މައްޗަށް އަނިޔާވެރިކަން އިސްނުކުރައްވާ، އެމީހުންނަށް ހަމަނޭވާއެއް ލެވޭނެކަން ސާބިތުކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތަރުޖަމާނު ޢަލީ ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް އެޕާޓީން ތާއީދުނުކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. އެހެން ނަމަވެސް، ޕާޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ޕާޓީގެ ނަން ބޭނުންނުކޮށް އެ ބޭފުޅަކު ތާއީދުކުރައްވާ ކެންޑިޑޭޓަކު އިޚްތިޔާރުކޮށް ކެމްޕެއިން ކުރެއްވުމުގެ ފުރުޞަތު ދެއްވާފައިވެއެވެ. އެހެންކަމުން، މިއަދުގެ ވަގުތެއްގައި ޢަލީ ޞާލިޙު ވަނީ ރައީސް ޞާލިޙަށް ތާއީދުކުރައްވާ ކަމަށް އިއުލާންކުރައްވާފައެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޢަލީ ޞާލިޙު ވިދާޅުވީ އޭނާ ރައީސް ޞާލިޙަށް ތާއީދުކުރައްވަން ނިންމެވީ އެމަނިކުފާނަކީ ސިޔާސީ ބޭފުޅުންގެ މައްޗަށް އަނިޔާވެރިކަން އިސްނުކުރައްވާ ބޭފުޅެއްކަން ސާބިތުކުރައްވާފައިވާ ވެރިއަކަށް ވުމުން ކަމަށެވެ. އަދި އޭނާ ރައީސް ޞާލިޙަށް ތާއީދުކުރައްވަނީ މިވަގުތު ޖޭޕީގެ ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަނުކުރައްވާތީ ކަމުގައި ޢަލީ ފާހަގަކުރެއްވިއެވެ.

"ފަރުދީގޮތުން ޤަބޫލުކުރާ ކުރުން ޕާޓީން އެ މެންބަރަކަށް ދޫކޮށްފަ އޮތް ހިނދު، މިވަގުތު ޕާޓީގެ ކެންޑިޑޭޓަކު ނުވަތަ އޮނަރަބަލް ގާސިމް ކުރިމަތިލައްވާފަ ނުވާ ހިނދެއްކަމުން އަޅުގަނޑު ގަބޫލުކުރީ ސިޔާސީ މީހުންނަށް ހަމަ ނޭވާއެއް ލެވޭނީ އެކަން ސާބިތުކޮށްދެއްވާފައިވާ، އަނިޔާވެރިކަން އިސްނުކުރައްވާނެ ބޭފުޅަކީ ހިޒް އެކްސެލެންސީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް." ޢަލީ ޞާލިޙު ވިދާޅުވިއެވެ.

ޢަލީ މިފަދައިން ވިދާޅުވެފައިވާއިރު، މީގެ ކުރީގައި ޕީޕީއެމުން ކުރި ވެރިކަމުގައި ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބަޔަކު ޖަލުގައި އަނިޔާވެރިކަމުގައި ދުވަސްތައް ހޭދަކުރަން ޖެހުނުކަން ހިނަ ބަޔަކު ފާހަގަކުރެއެވެ. އޭގެ ތެރޭގައި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް، ފާރިސް މައުމޫން އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ހިމެނިވަޑައިގަންނަވައެވެެ.

މިވަގުތު ޖޭޕީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމް ފުރުއްވަމުން ގެންދަވާ ޢަލީ ވިދާޅުވީ އޭނާ ރައީސް ޞާލިޙަށް މި އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރެއްވިޔަސް، އޭނާ އަބަދުވެސް ދެމިހުންނަވާނީ ޖުމްހޫރީ ޕާޓީގައި ކަމަށެވެ.

ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ފަހުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ގާސިމްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވި ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ ޖޭޕީން ވަކިވެ ވަޑައިގެންނެވިކަން އިއްޔެގައި އިއުލާން ކުރައްވާފައެވެ. އަދި އެ ޕާޓީގެ އިސް ފަރާތްތައް ކަމުގައިވާ އިލްހާމް އަޙްމަދާއި ރިޔާޒް ރަޝީދުވެސް ވަނީ ރައީސް ޞާލިހަށް ތާއީދުކުރައްވާކަން އިއުލާންކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން