އަހުމަދު މަސްނޫމް   21 ސެޕްޓެމްބަރު 2023 - 22:32
ޖުމްހޫރީ ޕާޓީގެ ލީޑަރު، އޮނަރަބަލް ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި، އަދި ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމު އަހުމަދު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން އިލްހާމް ވިދާޅުވީ ޤައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދާކަމަށެވެ. އަދި އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ޤާބިލް ބޭފުޅަކީ މިހާރުގެވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙުކަމަށް ފެންނާތީ އެމަނިިކުފާނަށް ތާއީދުކުރަން ނިންމަވާފައިވާކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ރައީސް ސޯލިޙް ވަނީ ފާއިތުވެމިދާ ރިޔާސީ ދައުރުގައި، ޤައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކް ވެރިކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވާފައިވާކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުޞަތު ދެއްވައިގެންވެސް ވެރިކަން ކުރެއްވިދާނެކަން އެމަނިިކުފާނު ދައްކަވާފައި ދެއްވާފައިވާކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން