ޒަހީނުއްދީން ސަޢީދު   22 ސެޕްޓެމްބަރު 2023 - 0:11
ޖުމްހޫރީ ޕާޓީގެ މެޖޯރިޓީ އޮތީ އެމްޑީޕީއާއެކު ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީން މިއަދު މާލޭގައި ކުރިއަށްގެންދިޔަ ދޮރުންދޮރަށް ހަރަކާތަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ޖޭޕީގެ ކައުންސިލްގެ ވަރަށް ގިނަ ބޭފުޅުން އެމްޑީޕީއާއެކު މަސައްކަތް ކުރަން މަޝްވަރާ ކުރަމުންދާ ކަމަށާއި އެޕާޓީގެ މެޖޯރިޓީ އޮތީ އެމަނިކުފާނާއި އެކު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަ ގަޑިއިރުތެރޭ ޖޭޕީގެ އިތުރު ބޭފުޅުންތަކެއް ވެސް އެމަނިކުފާނަށް ތާއީދުކުރައްވާކަން އިއުލާން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޖޭޕީގެ މެޖޯރިޓީ ކަހަލަ ގޮތަކަށް އެމްޑީޕީއާ އެކީގައި، އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރާ ގޮތަށް މިހާރު ތިބީ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ޖޭޕީގެ މެޖޯރިޓީ ތާއީދު ލިބުމަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރަން ލިބޭ ހެޔޮ ފާލެއް ކަމަށެވެ. އެގޮތުން މި އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެެ. ރައީސް ވަނީ ވީހާވެސް ގިނަބަޔަކު ވޯޓުލުމަށް މިފަހަރު ނުކުތުމަށް އެދިވަޑައިގެންފައެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީން ވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމި ނަމަވެސް ޖޭޕީގެ އާންމު މެމްބަރުންނަށް ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އޮންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން