ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް 50،000 އަށް ވުރެ ގިނަ ފޯމު ހުށައަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 11،000 އަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ނުކުރެވުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރީ-ރަޖިސްޓާކުރަން ދިން މުއްދަތުގައި ޖުމުލަ 50،047 ފޯމް ހުށަހެޅި ކަމަށެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 26،011 މީހުންނާއި ކަރުދާސް ފޯމް ފުރާފައި ހުށަހެޅި 24،036 ހުށަހެޅުން ކަމަށް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދިންގޮތުގައި ފޯމުތަކުގެ ތެރެއިން ސައްހަވީ ޖުމުލަ 38،763 ފޯމެވެ. އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ހުށަހެޅި 20،902 އަދި ކަރުދާހުން ހުށަހެޅި 17861 ފޯމެވެ. މި ފޯމުތަކުގެ ތެރެއިން ސައްހަކަން ކަށަވަރު ނުވެ އޮތީ އޮންލައިންކޮށް ހުށަހެޅި 5109، އަދި ކަރުދާހުން ހުށަހެޅި 6175 ފޯމް ކަމަށާއި އެއީ ޖުމުލަ 11284 ފޯމް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިޔަށް އޮތް 48 ގަޑިއިރު، (ހުކުރު ދުވަހާއި ހޮނިހިރު ދުވަހު)، ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ރީ-ރަޖިސްޓަރީ ވެފައިވަނީ ކޮންތަނަކަށްތޯ ކަށަވަރު ކުރެއްވުމަށް ފަރުދީ ޒިންމާ އަދާކުރުމަަށް އިލްތިމާސްކޮށްފައެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް ވިދާޅުވިގޮތުގައި އޮންލައިން ހުށަހެޅުންތަކުގެ ތެރެއިން ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުމެވެ.

އަދި ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ފިންގަޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން ހިމެނޭ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން