ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރީ-ރަޖިސްޓަރ ކުރި ލިސްޓު އާންމުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރީ-ރަޖިސްޓާކުރަން ދިން މުއްދަތުގައި ޖުމުލަ 50،047 ފޯމް ހުށައަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ސައްޙަކަން ކަށަވަރު ކުރެވިފައިވަނީ 38،763 ފޯމް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

އެކޮމިޝަނުން މިއަދު ވަނީ ރީ ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާފައިވާ ލިސްޓް އާންމުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރޭ 09:00 އިން ފެށިގެން މިމަހުގެ 23 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 09:00 ގެ ނިޔަލަށެވެ.

ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބެލުމަށް އިނގިރޭސި ބަހުން "ވީއާ ރް" ލިއުއްވައި ހުސްތަންކޮޅެއް ދޫކޮށްލުމަށްފަހު އައިޑީކާޑު ނަންބަރު ލިޔުމަށްފަހު 1414އަށް އެސްއެމްއެސް ކުރުމުން ރަޖިސްޓްރީވެފައިވާތަނާއި ވޯޓުލާ ފޮށީގެ މަޢުލޫމާތު ޗެކްކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެެވެ.

މި ލިސްޓަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންކަމަށާ، ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއެވެ.

ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރެވިފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި، ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން