މަރަދޫ، ބޮންތި ގޯތި ތެރެއިން ހަރުފައެއް ފެނުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
މަރަދޫ، ބޮންތި ގޯތި ތެރެއިން ހަރުފައެއް ފެނުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
އައްޑޫ ސިޓީ މަރަދޫ ގެއެއްގެ ތެރެއިން ހަރުފައެއް ފެނިއްޖެއެވެ.

އައްޑޫ ސިޓީ، މަރަދޫ "ބޮންތި" ގޯތި ތެރެއިން ހަރުފައެއް ފެނިގެން އުޅޭ ކަަމަށް އެ ގޭގައި ދިރިއުޅޭ ފަރާތެއް ރިޕޯޓްކޮށްފިއެވެ.

ނަން ހާމަކުރަން ބޭނުންނުވާ މި އަންހެންމީހާ "ރަސްއޮންލައިން"އާއި ވާހަކަދައްކަމުން ބުނީ ހަރުފަ އެ ގޭގެ ގޯތި ތެރެއިން ފެނުނީ މިއަދު މެންދުރު 02:30 ހާކަށްއިރުގައި ކަމަށެވެ. ހަރުފަ ފެނުނީ ގޭގައި ދިރިއުޅޭ ކުޑަކުއްޖަކަށް ކަމުން، އެ ކުއްޖާ ގޭގައި ދިރިއުޅޭ ބޮޑެތި މީހުންނަށް އެ ޚަބަރު އިއްވުމުން، އެ އަންހެންމީހާ ވަނީ ގެ ކައިރީ މަގުހަދުމުގެ މަސައްކަތްކުރަން ތިބި އިންޑިއާ މީހުންގެ އެހީތެރިކަމަށް އެދިފައެވެ.

އެ އިންޑިއާ މީހުން ވަނީ ހަރުފަ ނަގާފައި އޭގެ ނިގޫ ބުރިކޮށްލާފައެވެ. ހަރުފައަކީ ނިގޫ ބުރިކުރިޔަސް، މަރުވާ ޒާތުގެ އެއްޗެއް ނޫނެވެ. އެއާއިއެކު، ހަރުފައިގެ އަނެއް ފަޅި ވަނީ ގޯތި ތެރެއަށް ދޫވެފައި ކަމަށް އެގެއިން މައުލޫމާތު ދެއެވެ. އެ ގޭގެ ވެރިފަރާތުން ވަނީ ފުލުހުންގެ އެހީތެރިކަން ހޯދަން މަސައްކަތްކޮށްފައެވެ. ފުލުހުން، އޭގެ ނިގޫ ބުރިކުރި އިންޑިއާ މީހުންނާއި ސުވާލުކުރުމުން އެމީހުން ބުނީ އެ ބައި އުކާލާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ކުރިމަސައްކަތް ކާމިޔާބުވާގޮތް ނުވުމުން، މަސައްކަތް ހުއްޓާލުމަށްފަހު ފުލުހުންވަނީ ގޮސްފައެވެ.

ބޮންތި ގެއަކީ ގޯތިތެރޭގައި ވަރަށް ގިނަ ބަގީޗާގަސްތަކެއް ހައްދާފައި އޮންނަ ގޯއްޗަކަށްވުމުން، ގޯތިތެރޭގައި ހުރި ގަސްވަށިގަނޑުތަކުގެ ނިވަލުން އޭތި ހޯދުމަކީ އިތުރަށް އުނދަގޫ ވާނެ ކަމަށް ގޭގައި ދިރިއުޅޭ ފަރާތް ބުނެފަވެއެވެ.

"މިގޭގައި މިވަގުތު އެއްވެސް ފިރިހެނަކު ނެތް. ފުލުހުން ބުނީ އޭތި އެއްވެސް ވަރަކަށް ނުފެނުމުން، އޭތި ފެނުނީމަ ގުޅާށޭ. އިންޑިއާ މީހާ ކައިރީ އޭތި (ހަރުފައިގެ ބުރިކުރި ފަޅި) ނުގެންދާށޭ ބުނީމަވެސް އެ ހިފައިގެން ގޮއްސި އެމީހުން. ފުލުހުން ސުވާލުކުރީމަ ބުނީ އެއީ ވިހަގަދަ އެއްޗެއް ނޫނޭ. އެބައި އުކާލާފިން" އެ މީހާ ބުނެފަވެއެވެ.

ހަރުފައިގެ ނިގޫ ބުރިކުރި އިންޑިއާ މީހާ، އެއީ ވިހަގަދަ ހަރުފައެއް ނޫން ކަމަށް ބުނެފައިވީ ނަމަވެސް އެޢާއިލާ ބުނަނީ އެއީ އަޅާނުލާ ދޫކޮށްލާވަރުގެ ސައިޒުން އެހާ ކުޑަ ހަރުފައެއް ނޫން ކަމަށެވެ. އަދި އެ ހަރުފަ ސިފަކޮށްދެމުން އޭގައި ހުރީ މުށި ކުލައާއި ހުދު ކުލައިގެ ރޮނގުތަކެއް ކަމަށްވެސް އެ ހަރުފަދުށް އެގޭގެ ވެރިފަރާތުން ކިޔައިދިނެވެ.

ވެރިފަރާތުން ކިޔައިދިން ގޮތުގައި އެވަގުތުކޮޅު އެންމެން ހާސްކަމެއްގެ ތެރޭގައި ތިބުމުން އޭގެ ފޮޓޯއެއްވެސް ނެގިފައިނުވެއެވެ.

އެ ޢާއިލާގެ ފަރާތުން މިހާރުވަނީ އެ ހަރުފަ ހޯދުމުގައި ރަށުގެ ރައްޔިތުން އެހީތެރިކަމަށް އެދި ފޭސްބުކްގައި ޕޯސްޓުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން