ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިއުމުގައި އިންތިޒާމްތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި ދެ ވަނަ ބުރުގައި ރަނގަޅު ކުރަންވީ ބައެއް ކަންކަން އެކޮމިޝަނަށް މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެެ.

އެގޮތުން ވޯޓު ކިއު މެނޭޖުކުރުމާއި ސައްހަ އަދި ބާތިލް ވޯޓު ކަނޑައެޅުމުގައި ވޯޓްލާ މަރުކަޒުގެ ވެރިންނަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުރިކަން ފާހަގަކުރެވިފައިވާކަން ކޮމިޝަނުން ފާހަގަކުރިއެވެ. އެހެންކަމުން ސައްހަ ވޯޓު ކަނޑައެޅުމަށާއި ބާތިލް ވޯޓު މަދުކުރަން ފިޔަވަޅު ތަކެއް އަޅަން ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ ވޯޓްލާ ބޫތުތަކުގައި ވޯޓު ކަރުދާސް ބާއްވަންޖެހޭ ތަން ވެސް ހުންނާނީ ކުރިއަށް ވުރެ ރަނގަޅުކޮށްފައި ކަމަށާއި ވޯޓުލާން ބޭނުން ކުރާ ގަލަމަކަށް ވެސް މިފަހަރު ބޭނުން ކުރާނީ ރަނގަޅަށް ދެލި ހިނގާ ގަލަންތަކެއް ކަމަށް ހަބީބު ވިދާޅުވި އެވެ.

މީގެ އިތުރުން ވޯޓްލުމުގެ އިންތިޒާމްތަކަށް ބައެއް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތުން މި ބަދަލުތަކުގެ ތެރޭގައި ދެވަނަ ބުރުގައި 500 މީހުންނަށްވުރެ ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 99 މަރުކަޒެއް ދެ ސެޓަޕަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އަދި ގުރައުންޑު މެނޭޖަރުންގެ ދައުރު އިތުރަށް ފުޅާ ކުރުމަށް ކުރިން ހަރަކާތްތެރިވި މީހުންނަށް އިތުރު ތަމްރީނު ދިނުމާއެކު ކިއު މެނޭޖު ކުރުމާއި ވޯޓުލާން ދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު މުވައްޒަފުން ބޭތިއްބުމަށް ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.

ހަބީބް އިތުރަށް ވިދާޅުވީ ދެވަނަ ބުރުގައި ވޯޓުލާ ބޫތުތަކަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިފަހަރު ވޯޓުލާ ބޫތުގެ ތަންކޮޅެއް އެތެރެއަށް ވަދެ ތިބެގެން ފާހަގަ ޖެހޭ ގޮތަށް ހުންނަ ޑިޒައިނަކަށް ބޫތުތައް ބަދަލުކޮށްފައި ވާކަމަށް ހަބީބް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން