އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ބޮޑުކުރި 7000 ރުފިޔާގެ އެލަވަންސް ދެނީ 70 އަހަރުވުމުން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފައެވެ.

ދާދިފަހުން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އުމުރުން ދުވަސް ވީ މީހުންގެ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރިކަން އިއުލާން ކުރައްވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެފައިވަނީ އަމިއްލައަށް ބޭނުންވެގެން ރިޓަޔާވެވޭ އުމުރު، 65 އަހަރުން 70 އަހަރަށް މަތިކޮށްދޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ސަރުކާރުން 7000 ރުފިޔާއަށް ބޮޑުކުރި އެލަވަންސް ދެނީ 70 އަހަރުވުމުން ކަަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަތައް ފަތުރަމުންނެވެެ. އެ ވާހަކަ ތަކާއި ގުޅިގެން ރައީސް އިބްރާހީމްގެ މުޙައްމަދު ސާލިޙުގެ ކެމްޕެއިން ތަރުޖަމާން އަދި މާލޭ ސަރަހައްދުގެ ކޯޑިނޭޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ 5000 ރުފިޔާ އިން 7000 ރުފިޔާއަށް ބޮޑުކުރި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 65 އަހަރުގެ ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށެވެެ.

"ބައެއް ފަރާތްތަކުން އޮޅުވާލައިގެން މި އެލަވަންސް ލިބޭނީ 70 އަހަރުވުމުން ކަމަށް ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް،" މާރިޔާ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ކޮންމެ މަހަކު މިހާރު ދެމުން އަންނަނީ މަހަކު 5،000ރ. އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން