އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ މާލޭގެ ސޯސަން ޖަގަހައިގައި ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ޕައިލެޓުންނާއި އިންޖިނިއަރުން ހިމެނޭހެން އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ދެއްވާ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ހަމަހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"ލަސްތަކެއް ނުވެ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫންނާ މިހެން ގޮސް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިދިކޮޅުގެ މެނިފެސްޓޯއާއި ވައުދުތައް ހާމަކުރަމުންދާއިރު އެކަންކަމަށް ވިސްނުން ހިންގަވައި އެމަނިކުފާނަށް ވޯޓު ދެއްވުން މުހިންމު ކަމުގައި ވިދާޅުވެފައެވެ. ދިވެހިންނަށް މީގެ ކުރީގައި ފެނުނު ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ގައުމު ނުފޮވުމަށް ހެޔޮ ނިންމުމެއް ނިންމުމަށް ރައްޔިތުން ކިބައިން ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރަމުން ދާއިރު، އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ އެ މަންޒަރު. އެހެންވެ ވިސްނުންތެރިކަމާ އެކީގައި ނުކުމެވަޑައިގެން އަޅުގަނޑާއި އަޅުގަނޑުމެންނަށް ވޯޓު ދެއްވުން އެއީ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން