އިިދިކޮޅުން ގެންގުޅޭ ފިތުނަ ދޮލަނގުން އެންމެ ބޮޑަށް ވިއްކަން އުޅެނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ ދައްކާ ދޮގު ވާހަކަތައް ކަމުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިރޭ ސޯސަން ޖަގަހައިގައި ބޭއްވި އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ބައެއް ބޭފުޅުން އެމްޑީޕީއަށް ތާއީދުކުރައްވަން ނިންމެވީ މި ސަރުކާރުން މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރެވިފައިވާތީ ކަމަށެވެ. އަދި އިދިކޮޅުން ދިވެހިންގެ މެދުގައި އެމްޑީޕީ ސަރުކާރާއި ދޭތެރޭ ފިތުނަ އުފައްދަން އެންމެ ބޮޑަށް ވިއްކާ 'ފިތުނައިގެ ދޮލަނގަކީ' އިންޑިއާއާއި ގުޅުވައިގެން ދައްކާ ބުހުތާނު ދޮގުތައް ކަމުގައި ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި، ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމްގެ ރަނިންގ މޭޓު ޑރ. އަމީން އިބްރާހީމް ހިމެނޭހެން ޖޭޕީގެ އިސް ބައެއް ފަރާތްތަކެއްވަނީ އެމްޑީޕީއަށް ތާއީދުކުރައްވާކަން އިއުލާންކުރައްވާފައެވެ.

މި ސަރުކާރުން ރާއްޖެ ދެ ހެލިކަޕްޓަރު ގެނައި ކަމަށްބުނެ ދައްކާ ވާޙަކައަކީ އިދިކޮޅުން ވިއްކާ ފިތުނައިގެ ދޮލަނގުގެ އެއް އައިޓަމް ކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން، ޝާހިދު ވިދާޅުވީ، ފުރަތަމަ ހެލިކަޕްޓަރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ގެނެވުނު ހެލިކަޕްޓަރެއް ކަމަށެވެ. އަދި ދެވަނަ ހެލިކަޕްޓަރަކީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ހެލިކަޕްޓަރެއްކަމުގައި ޝާހިދު ވިދާޅުވިއެވެ.

އޭރުވެސް އެކަން ކޮށްފައި ހުރީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ފުށުނާރާ އުސޫލުން ކަމަށާއި އަދި އެކަން ކޮށްފައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ގެއްލުމެއް ނުލިބޭނޭ ބީދައިން ކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"ދެ ހެލިކޮޕްޓަރު ގެނައުމާ މި ސަރުކާރާ ގުޅުމެއް ނެތް. އަޅާފައި އޮތް ސޮއެއް އެޅީ ކުރީގެ ސަރުކާރުތަކުން. އެހެންވީމާ މި ދެ ހެލިކަޕްޓަރު ގެނައުމާ ރައީސް ސޯލިހުގެ ސަރުކާރަކާއި އެއްވެސް ގުޅުމެއް ނެތް." ޝާހިދު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހެދި އައްޑޫ ޕޮލިސް އެކެޑަމީގެ ވާހަކައަކީ ފިތުނައިގެ ދޮލަނގުގެ ދެވަނަ އައިޓަމްކަމުގައި ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެ އެކަޑަމީ އަޅަން އެއްބަސްވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގައި ކަމުގައި ޝާހިދު ވިދާޅުވިއެވެ. އެއީ ޑރ. ޖަމީލު ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ސޮއި ކުރި އެގްރީމެންޓެއްގެ ދަށުން ހެދި ތަނެއްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެތަނަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއްކަމަށް ބުނާ ބުނުމަކީ ބުހުތާނު ދޮގެއް ކަމަށާއި އެތަން ބޭނުން ކުރަނީ ހަމައެކަނި ދިވެހި ސިފައިންގެ ތަމްރީނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، އިދިކޮޅުން ދައްކާ ވާހަކަތަކުގައި ނުޖެހި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ލުމަށް ޝާހިދު އިލްތިމާސް ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން