ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުގެ ތާއީދު ހޯދުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ސިޔާސީ ގޮތުން ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ދެ ހަތުރުންގެ ގޮތުގައި މިފަހުން ފެންނަމުން ދިޔަ ރައީސް ނަޝީދާއި ރައީސް ޞާލިހު މިއަދު ބައްދަލު ކުރައްވާފައިވާއިރު ރިޔާސީ އިންތިހާބުގެ ފުރަތަ ބުރުގައި ވެސް ރައީސް ނަޝީދު ނުކުމެ ވަޑައިގެންނެވީ އައު ޕާޓީއެއް ހައްދަވައިގެން ރައީސް ޞާލިހާއި ދެކޮޅަށެވެ.

ދުވަސް ތަކަކަށް ފަހު ނަޝީދާއި ރައީސް ޞާލިހު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯއްދެވުމަށް މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ނަޝީދުގެ ދަ ޑިމޮޖްރެޓްސް ޕާޓީން ހުށައެޅިގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ނިޒާމީ ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތަށް ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ. އަދި ނިޒާމީ ވޯޓުގެ މަސައްކަތްތައް ރިޔާސީ އިންތިހާބުގެ ފަހުން ފަށައިގަތުމަށް ވެސް ވާހަކަ ދެކެވުނު ކަމުގައި ރައީސް ޞޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުޑަދުވަސްކޮޅެއް ކޮށްލާފަ މި ބައްދަލު ކުރެވުނީ. އަޅުގަނޑުމެން ދެއްކި ވާހަކަތަކަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ބެހޭގޮތުން. އޭގެތެރޭގައި އެއްކަމަކީ މަޖިލީހުން ފާސްކުރި ނިޒާމީ ވޯޓާ ބެހޭގޮތުން ކުރިއަށްދިއުމުގަ ކަންތައްތައް ކުރަންވާ ގޮތަކާ އަދި ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގެ ދެވަނަބުރާ ބެހޭގޮތުން ވެސް ވާހަކަ ދެކެވުނު. ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެބޭފުޅުންގެ ނިއުޓްރަލް ސްޓޭންޑްގާ ތިއްބަވާނެ، ވަކިއަތަކަށް ނުޖެހި." ރައީސް ޞާލިހު ވިދާޅުވިއެވެ.

ނަމަވެސް ދެވަނަ ބުރުގައި ރައީސް ނަޝީދު ރައީސް ޞާލިހަށް ތާއީދު ކުރެއްވުމާއިމެދު ވަކިގޮތަކަށް އެއްބަސްވެވުނު ކަމެއް ރައީސް ޞާލިހު ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ. އަދި ރިޔާސީ އިންތިހާބަށްފަހު މިހާރު އެއްބަސްވެފައި އޮތްގޮތަށް ނިޒާމީ ވޯޓުގެ ކަންކަން ކުރިއަށް ގެންދަން ވާހަކަ ދެކެވުނު ކަމުގައި ރައީސް ޞޯލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން