ސިފްކޯ ހިޔާ ފްލެޓް އެގްރީމެންޓްގައި ސޮއިކުރި ފަރާތްތަކާ ތަޅުދަނޑި ހަވާލުނުކުރަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެގްރިމެންޓްތައް ހެދުމުގެ ކުރިން، އެޕާރޓްމެންޓްތައް އެކެއް އަނެކެއްގެ އެޕާރޓްމެންޓާއި ބަދަލުކުރުމުގެ ފުރުޞަތުދީ އެލޮކޭޝަންގެ ކަންކަން އެއްކޮށް ނިމުމާއެކު މިހާރު ވަނީ އެގްރިމެންޓްކޮށް ތަން ޙަވާލުކުރަން ފަށާފައި ކަމަށެވެ. އަދި ސިފްކޯ ހިޔާގެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެގްރީމެންޓްގައި ސޮއިކުރި ފަރާތްތަކާއި ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމުގައި އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެގޮތުން މިހާތަނަށް 68 ފަރާތަކާއި އެގްރިމެންޓްކުރެވި، 10 ފަރާތަކަށް ތަޅުދަނޑި ޙަވާލުކުރެވިފައިވާއިރު، އިތުރު 22 ފަރާތަކަށް މިއަދުގެ ވަގުތެއްގައި ތަޅުދަނޑި ޙަވާލުކުރާނެ ކަމުގައި އެމްއެންޑީއެފުން ބުންޏެވެ.



"ކުރިންވެސް ހާމަކޮށްފައިވާ ފަދައިން ސިފްކޯ ހިޔާގެ ރެސިޑެންޝަލް މަސައްކަތްތައް ނިމުމާއެކު ސިފްކޯ ލިބިލައްވާ ފަރާތްތަކަށް ތަން ހަވާލުކުރުމަށްޓަކައި އެޕާޓްމެންޓްތަކުގެ އެލޮކޭޝަން ހެދުމަށްޓަކައި ގުރުއަތުލުން ބާއްވައި އެލޮކޭޝަންގެ ކަންކަންވަނީ ކުރިއަށް ގެންދެވިފަ." އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ސިފްކޯ ހިޔާގެ ފްލެޓްތައް ލިބިލައްވާ ފަރާތްތަކާއި ތަން ޙަވާލުކުރުމަށްޓަކައި މިވަގުތު ޚިދުމަތުގައި ތިއްބެވި ސިފައިންނާއިއެކު އެގްރިމެންޓްކޮށް ނިމުމާއެކު ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި އެގްރިމެންޓްކޮށް ތަން ޙަވާލުކުރަން ފެށޭނެ ކަމަށެވެ. އަދި އެގްރިމެންޓްތަކުގައި ސޮއިކޮށް ތަން ޙަވާލުކުރުމުގައި ސިފްކޯގެ މުވައްޒަފުން ވަރުބަލިކަމެއްނެތި މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފާހަގަކުރިއެވެ.

ސިފްކޯ ހިޔާގެ މަޢުލޫމާތުތައް ފްލެޓްތައް ލިބިލައްވާ ފަރާތްތަކަށާއި މީޑިއާއަށް ފޯރުކޮށްދެމުން ދަނިކޮށް، ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މީޑިއާގެ އެކި ވަޞީލަތްތައް މެދުވެރިކޮށް ފަތުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތައް ހުއްޓާލުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރިއެވެ.

ސިފްކޯއިން ފްލެޓް ލިބުނު އާއިލާތަކަށް، ލިބޭ ފްލެޓް ކަނޑައަޅާފައިވަނީ މިމަހު ކުރީކޮޅު ބޭއްވި ގުރުއަތުންނެވެ.

3 ޓަވަރަކަށް ތަރައްޤީކޮށްފައިވާ މި ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ ޓަވަރ އޭ އިން ފްލެޓް ލިބުނު ފަރާތްތަކަށެވެ. އަދި ތަޅުދަނޑި ޙަވާލުކުރުމަށްަފަހު، އެޕާޓްމަންޓްތައް ބަލާލުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.

މިއީ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބިންގާއެޅި މަޝްރޫޢެކެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގު ދެމިގެން ދަނިކޮށް، މަޝްރޫޢު ބާރު ސްޕީޑްގައި ގެންގޮސް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން