ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރެއަށް އެހެން ގައުމުތަކާއި ގުޅުވައިގެން ވާޙަކަތައް ނުދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ އިންތިޚާބެއް ކަމަށްވާތީ ރިޔާސީ ކެންޑިޑޭޓުން އެހެން ގައުމުތަކާއި ބެހޭގޮތުން ވާހަކަދެއްކެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ނަޝީދު މި ބައްދަލުވުން ބޭއްވެވީ ކުރިއަށް އޮތް މަހުގެ 29 ވަނަ ދުވަހު ބާއްވާ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓު ނެގުމާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.

"އަޅުގަނޑުމެންގެ އިންތިހާބެއްމީ، މި ރާއްޖޭގެ ރައްޔިތުން މިއަށް ވޯޓުދޭން އޮތީ، މި ރާއްޖޭގެ ރައީސަކު އިންތިހާބު ކުރުމުން މި އަންނަނީ، އެހެންވީމަ އެކަން އެގޮތަށް ނުކުރަމަކީ ވަރަށް ބޮޑު ރަނގަޅަކަށް ވާނެކަން އަޅުގަނޑު ދެކެން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅު ލީޑަރޝިޕުން ދަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަމަށްބުނެ އެކަމުން ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ވާނެ ކަމަށް ބުނަމުންނެވެ. އިދިކޮޅުން ގަބޫލުކުރާގޮތުގައި އިންޑިއާއިން ދަނީ ރާއްޖެއަށް ނުފޫޒު ފޯރުވަމުންނެވެ. ރައްދުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ދަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން