ރިޔާސީ އިންތިހާބުގެ ވޯޓާއި ގުޅިގެން ވޯޓް ގަންނަން ރިޝްވަތު ހުށަހަޅާ މައްސަލަތައް ބަލަމުންދާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި، މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެގޮތުން ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ ތަބީއަތުގެ މައްސަލަތައް ކަމުން، އެ މައްސަލަތައް ތަހުގީގު ކުރުމުގައި ތަބާވާނީ ރާއްޖޭގެ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުން ކަމަށާއި އެފަދަ މައްސަލަތައް ނިންމުމުގައި ބުރަވާނީ އެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ އަދި ހޯދޭ ހެއްކާއި ގަރީނާގެ މައްޗަށް ކަމަށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ މައްސަލަތައް ހުށަހަޅާއިރު ލިބެންހުރި އެކަށީގެންވާ ހެއްކާއެކު މައްސަލައެއް ހުށަހެޅުމަކީ އެފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ލިބޭނެ އިތުރު ބާރެއް ކަމަށެވެ. އަދި ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށަހެޅުމާއި، ރިޝްވަތު ހިފުން ފަދަ އަމަލުތަކުން ދުރުހެލިވުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ލިބިގެންދާނެ ހިތްވަރެއް ކަމަށްވެސް އޭސީސީން ނެރުނު ބަޔާނުގައިވެއެވެ.

އިންތިހާބާ ގުޅިގެން އޭސީސީ އަށް މިހާތަނަށް 62 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެތެރެއިން ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވަނީ 12 މައްސަލަ ކަމަށް އޭސީސީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން