މި ސަރުކާރުން އިއްޔެ އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އުތުރުތިލަފަޅުން ގޯތި ދޭ ސަރަހައްދު އޮންނާނެ ގޮތް ދައްކާލައިފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އިއްޔެ ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ މި ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅު ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުންނަމަ އުތުރުތިލަފަޅުންނެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން މިއަދު ވަނީ ގިރާވަރު އުތުރުފަޅުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓު ދައްކާލާފައެވެ.



ގިރާވަރު އުތުރުފަޅުން ގޯތި ދޫކުރަން 5,525,000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެއެވެ. މި ފަހަރު ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަން ނުވަތަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. އަދި 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4000 އަކަފޫޓެވެ.

މިއީ މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ ދެވަނަ މަޝްރޫޢުއެވެ. މީގެކުރިން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުންވެސް 9000 އަށްވުރެ ގިނަ ގޯތި ވަނީ ދީފައެވެ. އެ ގޯތިތައް ދީފައިވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން