ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮަޅު ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށްވުރެ ގިނަ ރަށްތަކަށް ވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

ރައީސްގެ ކެމްޕޭނު ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ދަތުރުކޮށް، ދިވެހި ރައްޔިތުންގެ ހާލު އެންމެ ގާތުން ބަލައި، ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައިގެން ކަމަށެވެ. އަދި މި މެނިފެސްޓޯއާ އެކީ ރައީސް ސޯލިހު ފުރަތަމަ ބުރުގައި އެކަނި 170 އަށް ވުރެ ގިނަ ރަށަށް ވަޑައިގެންފައިވާ ކަމަށާއި އަދި ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅިގެން މެނިފެސްޓޯ އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ވެސް ރައީސް ކުރައްވަމުން ގެންދަވާ ކަމަށް ކެމްޕޭނު ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ދެބުރު އެއްކޮށްވެސް އިދިކޮޅު ކެންޑިޑޭޓަށް މި ޢަދަދާ ގާތްވާ ވަރަށް ވެސް ރަށްރަށަށް ދެވިފައިނުވޭ،" ރައީސްގެ ކެމްޕޭނު ޓީމުން ނެރުނު ބަޔާނުގައިވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ރައީސް ސޯލިހު އަތޮަޅު ތެރޭގެ ރަށްތަކަށް މިހާތަނަށް ވަޑައިގެންފައެެއް ނުވެއެވެ. އެހެން ނަމަވެސް މިހަފުތާ ތެރޭގައި ރައީސް ބައެއް ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށް ކެމްޕެއިން ޓީމުން ބުނެފައިވެެއެވެ. ރައީސް މިހާރު ވެސް ގެންދަވަނީ މާލޭގެ އެކި ގޭގެއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި ކެމްޕޭން ކުރައްވަމުންނެެވެ. އެގޮތުން އެމަނިކުފާނު މިފަހުން ވިލިމާލެއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި ކެމްޕެއިން ކުރަށްވައި މާލޭގައި ވެސް ކެމްޕެއިން ޖަލްސާތައް ވަނީ ބާއްވަވާފައެެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެެ. ދެވަނަ ބުރުގައި ރައީސް އާއި ވާދަކުރައްވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން