ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމަކީ ކަރަންޓުގެ އަގު ހެއު ކުރުމަށް ސަރުކާރަށް އެޅޭނެ އެންމެ ފުރިހަމަ އެންމެ އަވަސް ފިޔަވަޅު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ވިދާޅުވީ ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން 31 ޕަސެންޓާއި 52 ޕަސެންޓާއި ދެމެދު ބިލް ކުޑަވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެކަން ނުކުރެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމަކީ ނުކެރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް މިހާރު ދެމުން ގެންދާ ރޭޓްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ސްޓެލްކޯއަށް ސަރުކާރުން ތެލުގެ ސަބްސިޑީޒް މިހާރު ވެސް ދެމުން ގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކަރަންޓް ރޭޓް ފުލެޓް ރޭޓަކަށް ހެދި ނަމަވެސް ސްޓެލްކޯ ގެއްލުމުގައި ހިންގަން ނުޖެހޭނެ ކަމަށެވެ. އަދި މިއީ ކަރަންޓު އަގު ހެއު ކުރުމަށް ސަރުކާރަކަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެންމެ ބޮޑު އަދަދަކަށް މި އިންނަނީ ހަތަރު ރުފިޔާ 25 ލާރި. ތަފާސް ހިސާބުތަކުން ދައްކާއިރުގައި 600 ޔުނިޓަށްވުރެ އިތުރުވޭ އެބަ 28 ޕަސެންޓްގެ ގޭބީސީތައް. މީހުން ދިރިއުޅޭ ގޭބީސީތަކުގެ ތެރެއިން 28 ޕަސެންޓް އެއީ 14959 ގެއެއް. އެއީ މާލޭ އޭރިއާގައި. އެއީ 600 ޔުނިޓަށްވުރެ އިތުރަށް ކަރަންޓް ބޭނުންކުރާ ފަރާތްތައް. އެހެންވީމާ މި ބޭންޑްތައް އިތުރުވުމާއެކީގައި އޮޓެމިޓިކަލީ އޭތި ބޮޑުވަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދަނީ. އަޅުގަނޑު ދަންނަވާނީ މިއީ މިހާތަނަށް ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އަގު ހެއު ކުރުމަށްޓަކައި އެޅޭނެ އެންމެ ފުރިހަމަ އެންމެ އަވަސް ފިޔަވަޅު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން ބޮޑެތި ބަދަލު ތަކެއް ސްޓެލްކޯއަށް އަންނާނެ ކަމަށެވެ. އެގޮތުން ޓެރިފް ރޭޓެއް ކަނޑައެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ރޭޓެެއް ކަނޑައެޅުމުން އެކަން އާންމުކޮށް އިއުލާންކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ނިންމުމާއެކު ސްޓެލްކޯގެ އާމްދަނީ ކުޑަވެގެންދާނީ ކިހާވަރަކަށްތޯ އާއި އާމްދަނީ ހިފަހައްޓަންޖެހޭނީ ކިހާވަރަކަށްތޯ ބެލުމުގެ ދިރާސާ ކުރަމުން ގެންދާ ކަމަށެވެ. ޝަރީފް ވިދާޅުވީ ރައީސް ދެވަނަ ދައުރުގެ ކުރީކޮޅު ނުވަތަ ޖަނަވަރީ މަހުގެ ތެރޭގައި އެކަމަށް ވަކި ގޮތެއް ނިމޭނެ ކަމަށެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ދެވަނަ ދައުރުގެ ހަމަ ފުރަތަމަ ކޮޅުގެ ތެރޭގައި މިއަށް އަމަލުކުރަން ފެށޭނެ ކަމަށް އަޅުގަނޑުމެން އަންދާޒާ މިކުރަނީ. ގާތްގަނޑަކަށް އަޅުގަނޑުމެންގެ ދެވަނަ ދައުރުގެ ފުރަތަމަ ދެ މަސް ނުވަތަ ތިން މަހެއްގެ ތެރޭގައި މީތި އަންދާޒާ އެބަކުރެވޭ މި އިމްޕިލިމެންޓް ކުރެވޭނެ ކަމަށް. 2024 ގެ ޖަނަވަރީ އިން ފެށިގެން ފެށޭވަރުވުމަކީ ވަރަށް ގާތްކަމެއް އަޅުގަނޑުމެންނަށް،" ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން