ސޮވެރިން ފަންޑު ހިމާޔަތްކުރަން ޤާނޫނެއް ހަދާފައި ފަންޑަށް އަލުން ޑޮލަރު ޖަމާކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހީންގެ އިޤްތިސާދު މެނިފެސްޓޯ އާންމު ކުރަމަށް ރޭ މޫނިމާ ބިލްޑިންގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ވެރިކަމުގެ ކުރިން ދިޔަ ވެރިކަން ތަކުގެ ޖުމްލަ 40 އަހަރަށް ބަލާއިރުގައި ޗާޕްކުރެވިފައިވަނީ 6 ބިލިއަން ރުފިޔާ ކަމަށެވެ. އެއާއި ޚިލާފަށް މި ސަރުކާރުން މިިދިޔަ 5 އަހަރުތެރޭ 8 ބިިލިއަން ރުފިޔާ ޗާފްކޮށްފައިވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ޑޮލަރުގެ އަގު ބޮޑުވެ، ތަކެތީގެ އަގު މަތި ވާން މެދުވެރިވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވަނީ ޖީޑީޕީ ކުރިއަރުވާ ބޮލަކަށް 17،000 ޑޮލަރު ޖެހޭ ވަރަށް، އިގްތިޞާދު ކުރިން ހުރި ވަރަށް އަލުން އިއާދަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޑޮލަރު އެކްސްޗޭންޖް ރޭޓް 18 ރުފިޔާއިން ތިރިކޮށް ހަމަ ރޭޓެއްގައި ހިފަހައްޓާނެ ކަމުގައި ވިދާޅުވިއެވެ.

"އަނެއްކާވެސް އަޅުގަނޑުމެން އެސްޑީއެފްގައި ޖަމާކުރާނީ ޑޮލަރުން. އެއާޕޯޓަށް ލިބޭ ޑޮލަރާ ޓޫރިޒަމް ސެކްޓާއިންނާ، އެކި ގޮތް ގޮތުން ލިބޭޑޮލަރު، އަޅުގަނޑުމެން ގާނޫނެއް ހަދައިގެން، ގާނޫނީ ބާރުވެރިކަމާއެކީގައި އެސްޑީއެފް ހިމާޔަތްކޮށްގެން އެއަށް ޑޮލަރު ލިބޭނެ އިތުރު ގޮތްތަކެއް ކަނޑައަޅައިގެން، އެސްޑީއެފްއަކީ މަހުން މަހަށް ގިނަ އަދަދެއްގެ އާމްދަނީ ޖަމާވާ ފަންޑަކަށް ހަދާނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މި ސަރުކާރުގެ ވޭތުވެ ދިޔަ ފަސް އަހަރު ނިމޭއިރު ބަޖެޓް ޑެޕޮސިޓް މިހިރީ 15 އިންސައްތައިގައި. އަޅުގަނޑުމެންގެ މި އިޤްތިސާދީ މަސައްކަތް ކުރިޔަށް ގެންގޮސް ނިންމާއިރު އިރާދަކުރެއްވިއްޔާ އެވްރެޖްކޮށް އަޅުގަނޑުމެންގެ ބަޖެޓް އެފްސީޑީ ސިންގަލް ޑިޖިޓަށް ކުޑަކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ އިގްތިޞާދު އަލުން ކޮޅަށް ޖަހަން ކުރެވިދާނެ ބައެއް ކަންތައްތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރަށް ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަަމަށް ޑރ. މުޢިއްޒު ވައުދެވެވަޑައިގަތެވެ. އެގޮތުން، އިމްޕޯޓް ދަށްކުރުމަށްޓަކައި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރެއްވުމަށް ޕްލޭންތައް އެކަށައަޅާފައިވާ ކަމަށް ޑރ.މުޢިއްޒު ހާމަކުރެއްވިއެވެ.

އަދި ހަމައެއާއިއެކު، ދަރަނި އަދާކުރުމަށްޓަކައި ކްރެޑިޓް ރޭޓް މަތިކޮށް އިންވެސްޓަރ ކޮންފިޑެންސް އަނބުރާ ގެނެސް ލޯންތައް ރީ ފައިނޭންސް ކުރެއްވުމަކީ އެމަނުކުފާނުގެ މެނިފެސްޓޯގެ ޕްލޭނެއްކަން ހާމަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ލޯންތައް އަދާކުރުމުގައި މާބޮޑު ދަތިތަކެއް ކުރިމަތިނުވާނެ ކަމުގައި ޑރ. މުއިއްޒު ވަނީ ވިދާުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން