އަހުމަދު އިބްރާހިމް   25 ސެޕްޓެމްބަރު 2023 - 19:9
ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގެ ކެމްޕެއިން ވެރިކަންކުރާ އެމްޑީޕީން މުޅިރާއްޖޭގައި ބާރަށް ކުރިއަށްގެންދާއިރު، ދެކުނުގެ އަތޮޅުތަކުގެ ކެމްޕެއިން މި ހަފްތާގައި އިތުރު ހަރުފަތަކަށް ގެންދާނެކަމަށް އެޕާޓީއިން ބުނެފިއެވެ.

ދެކުނުގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްދު އަސްލަމެވެ.

އެމްޑީޕީން ބުނީ، ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށް ކެމްޕެއިންގެ ބޮޑެތި ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިޙަރަކާތްތައް އައްޑޫސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދު އަތޮޅުގައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މިބުރުގެ ކެމްޕެއިންގައި އެމްޑީޕީން އެންމެބޮޑު އިސްކަމެއްދީފައިވަނީ ދޮރުންދޮރަށް ހިނގުމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ދޮރުންދޮރަށް ހިނގުމުގެ ބޮޑު ޙަރަކާތެއްވެސް އެމްޑީޕީން ވަނީ ނިމުނު ހަފްތާގެތެރޭގައި ބާއްވާފައެވެ. ދެކުނުގެ ކެމްޕެއިން ޙަރަކާތްތަކުގެ ތެރޭގައިވެސް ރަނިންމޭޓާއިއެކު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް އޮންނާނެއެވެ. އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ޚާއްސަކޮށްގެން މިހާރު ވަނީ މިބައި ފަށާފައެވެ.

ފުރަތަމަބުރުގައި އެމްޑީޕީއަށް ބޭނުންވާ މިންވަރަށް ވޯޓު ނުލިބުނު ސަބަބުތައް ބަލައި މިހާރުއަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފުރަތަމަބުރުގައި ވޯޓުލާން ނުނުކުންނަމީހުން ނެރުމަށާއި ތާޢީދު އިތުރުކުރުމަށް ވަކިވަކި ގްރޫޕުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން