ގދ. ފަރެސްމާތޮޑާއާއި އެއަރޕޯޓާއި އެރަށާ ގުޅާލާ ކޯޒްވޭގެ މަސައްކަތްތައް އަންނަ ޑިސެމްބަރުމަހަށް މުޅިން ނިންމާލެވޭނެކަމަށް އެމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެއާއެކު ޑިސެމްބަރުމަހުންފެށިގެން މިކޯޒްވޭ ބޭނުންކުރަން ފެށޭނެކަމަށް އެމްޓީސީސީން ބުނެއެވެ. މިއަހަރުގެ މާޗްމަހުގެ 15ވަނަ ދުވަހު ހުޅުވައި ޚިދުމަތްދޭންފެށި ފަރެސްމާތޮޑާ އެއަރޕޯޓަކީ ފަރެސްމާތޮޑާ ފަޅުން ބައެއް ހިއްކައިގެންނާއި އެފަޅުގައި ހިމެނޭ ކުދި ރަށްތަކެއް ގުޅުވާލައިގެން ހިއްކި ބިމެއްގައި ރަށާވަކިން ތަރައްޤީކޮށްފައި އޮންނަ އެއަރޕޯޓެކެވެ. އެއަރޕޯޓަށް ދަތުރުކުރުމަށް މިހާރު ބޭނުންކުރަނީ ފެރީއާއި ލޯންޗުފަދަ އުޅަނދުފަހަރެވެ. ފަސޭހަކަމާއެކު އެއަރޕޯޓު ބޭނުންކުރެވޭނެގޮތް ހަމަޖެއްސެމުގެގޮތުން ސަރުކާރުން އަންނަނީ އެއަރޕޯޓާއި ރަށާދެމެދު ކޯޒުވޭއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މިއީ އެއަރޕޯޓަށް ދިއުމަށް ވަގުތީގޮތުން ބޭނުންކުރަމުން ކުރިން ވެލިއަޅައިގެން ހަދާފައި އޮތް ކޯޒްވޭއެކެވެ. އެހެންނަމަވެސް ރާޅުބޮޑުވެ މި ކޯޒްވޭއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއެކު، ދާއިމީ ކޯޒުވޭއެއް ހެދުމަށް އެމްޓީސީސީން މިހާރުދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މިއީ ދިގުމިނުގައި 90 މީޓަރު އަދި ފުޅާމިނުގައި 10.3 މިޓަރު ހުންނަ ކޯޒުވޭއެކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވި ދެވަނަ އެއަރޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކާއެކު ރޭގަނޑުވެސް ރަށަށް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. މީގެއިތުރުން އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާ، ފަޔަރަ ބިލްޑިންގެ ހުރިހާ މަސައްކަތްތައްވެސް ވަނީ ނިންމާފައެވެ.

އެމްޓީސީސީން ބުނީ އެއަރޕޯޓާއި ރަށާއި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި ވަގުތީގޮތުން ބޭނުންކުރުމަށް މަގެއް ތަރައްޤީކުރާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ވަނީ އެހެން ރަށްތަކާއި ރިސޯޓްތަކުން ޚިދުމަތް ހޯދުމަށް އެއަރޕޯޓަށް ދަތުރުކުރާ މީހުން ބޭނުންކުރުމަށް އެއަރޕޯޓްގައި ބަނދަރެއް ހަދާފައެވެ. ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢުއަކީ ސަރުކާރުން 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން