މިއަހަރުގެ އޮގަސްޓް މަހުގައި ކުޑަކުދިންނަށް އަނިޔާ ކުރުމާއި ގުޅޭ 96 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމުގައި އެމިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ޢާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ކުޑަކުދިންނަށް އަނިޔާކުރުމާއި ގުޅުންހުރި ތަފާތު މައްސަލަތައް ފާއިތުވި މަހުގައި އެ ވުޒާރާއަށް ހުށަހަޅާފައި ވެއެވެ.

އެގޮތުން، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތައް ކަމަށާއި އިހުމާލުގެ 25 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 22 މައްސަލައާއި ޖިންސީ އަނިޔާގެ 18 މައްސަލަ، ޖިސްމާނީ އަނިޔާގެ 13 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 12 މައްސަލަ ހިމެނެއެވެ. އަދި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 2 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލައިގެ އިތުރުން ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 1 މައްސަލަ ހުސްވި މަހު ހުށަހެޅިފައިވެއެވެ.

މީގެއިތުރުން ކުޑަކުދިންނަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލައާއި މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 1 މައްސަލަ ހުށަހެޅިގެން އެޓެންޑްކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކުރިއެވެ.

އެ ވުޒާރާއަށް ހުށަހެޅުނު ކުޑަކުދިންނާއި ގުޅުންހުރި އެހެން ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 8 މައްސަލައެއް އޮގަސްޓް މަހު މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރެއިން ކުދިން ސްކޫލަށް ނުފޮނުވުމުގެ 4 މައްސަލަ އާއި ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައިގެ އިތުރުން އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ މައްސަލަތަކުގެ 2 މައްސަލަ ހުށަހެޅިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން