އިލެކްޝަންސް ކޮމިޝަނުން އާންމު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓަށް އެކަކުގެ ނަން އިތުރުކޮށް ފައިނަލް ލުސްޓް އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މުއަދު ބުނީ ވޯޓު ލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު އާންމުކޮށްފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އަދާހަމަކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،804 މީހަކަށް ލިބިފައިވެއެވެ. އެއީ 138394 އަންހެނުންނާއި 144410 ފިރިހެނުންނެވެ.

އިންތިޚާބުގެ ދެވަނަބުރަށް ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލި ވަގުތުކޮޅުގެ ތެރޭގައި 408 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމެވެ. އަދި ސައްހަކަން ކަށަވަރު ނުވި 11،284 ފޯމުގެ ތެރޭގައި އެމީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައެޅުމުގެ ބައެއް ޝަކުވާ ލިބުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދާއިމީ ލިސްޓު ޢާންމުކޮށްފައިވަނީ ޝަކުވާތައް ޙައްލު ކުރުމަށްފަހު ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާފައި ވަނީ 79.6 އިންސައްތަ މީހުންނެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން