އަހުމަދު މަސްނޫމް   25 ސެޕްޓެމްބަރު 2023 - 23:9
ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި ފަހަކަށް އައިސް އިސްކޮށް އުޅުއްވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހައިލަމް ތާޢީދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ. ފުރަތަމަ ބުރުން ޖޭޕީޢަށް ލިބުނު ނާކާމިޔާބީއަށްފަހު، އެ ޕާޓީން ވަނީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާޢީދުނުކުރުމަށް ނިންމާފައެވެ.

ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ހައިލަމް ވިދާޅުވީ މުއިއްޒުއަށް ތާއީދު ކުރެއްވުމަށް ނިންމެވީ ދިވެހިރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި، ޤައުމުގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށް، މާތްވެގެންވާ އިސްލާމްދީނަށް މިޤައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަކުރުންތައް ހުއްޓުވަންކަމަށެވެ.



ހައިލަމް ވިދާޅުވީ ދީނީ ވަޙުދަތު ޤާއިމްކޮށް، އިޤްތިޞާދީގޮތުން މިޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ފުދުންތެރި ޖީލެއް ބިނާކޮށް، ޤައުމުގައި ޢާންމުވެފައިވާ ކޮރަޕްޝަންގެ ނުރައްކާތެރި ވަބާއިން މިރާއްޖެ ސަލާމަތްކުރެވޭނީ، ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންހުންނެވި، ބަހާއި ޢަމަލު ދިމާވާފަދަ އިޚްލާޞްތެރި ބޭފުޅަކު މި ރާއްޖޭގެ ރައީސްކަމަށް ޢައްޔަންކުރެވިގެންކަމަށެވެ. އަދި އެކަންކަން ކުރެވޭނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުޢިއްޒަށްކަމަށް އޭނާ ދެކެވަޑައިގަންނަވާކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާޢީދުނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމެވިޔަސް، އެ ޕާޓީގެ ލީޑަރު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ކަަހަލަ ގޮތަކަށް ވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ތެރެއިން ކޮންމެވެސް އެެއް ބޭފުޅަކަށް ތާޢީދުކުރައްވާކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން