ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބުދުﷲ އަހުމަދު (އަބުޅޯ) ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ތާއިދު ކުރަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބުދު ﷲ އަހުމަދު (އަބުޅޯ) ރައީސް ސާލިޙަށް ތާއިދު ކުރަން ނިންމިކަން ހާމަކުރަށްވާފައިވަނީ އެމަނިކުފާނާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވިޓާގަައި ހިއްސާކުރައްވަމުންނެެވެ.

ކުރިން އިދިކޮޅު ޕީޕިއެމާއި ޖުމުހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރެއްވި ކުރީގެ މެމްބަރު އަބުޅޯ ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަަލަސްކަން ދެމެހެއްޓުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސާލިޙަށް ތާއިދު ކުރަށްވަން ނިއްމަވާފައިވާ ކަމަށެވެ. ރާއްޖެ ތަޢުލީމީ އުފެއްދުންތެރި ބަޔަކަށް ހަދާ އުމުރާނީގޮތުން ތަރައްގީވެ އަސާސީ ޚިދުމަތްތަށް ތިޔާގިވެ ޒަމާނީ ތަހުޒީބީ އިންތިޒާމްތަކުން ތަރުތީބު ވެފައިވާ ބަޔަކަށް ރައީސް ސާލިޙު ދިވެހިން ހައްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ކަމަށް އަބުޅޯ އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން އަބުޅޯ ވަނީ އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

އަބުޅޯ އަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އެ މުޒާހަރާތަކާއި ގުޅިގެން އެކި ފަހަރުމަތިން އަބުޅޯ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވެއެވެ.

އަބުޅޯ އަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި މެމްބަރު ކަމުގެ ގޮނޑި ގެއްލުނުކަމަށް ކަނޑައެޅި މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން