ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްލުމަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ފުރަތަމަ ބުރާއި އަޅާބަލާއިރު ދެ ގުނަ އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ހޮނިހިރުދުވަހު ބާއްވާ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްލުމަށް 6222 މީހަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. ފުރަތަމަ ބުރުގައި ރަޖިސްޓްރީކޮށްފައިވަނީ 2866 މީހެކެވެ. އެހެންކަމުން މިއީ ފުރަތަމަ ބުރާއި އަޅާބަލާއިރު 3356 މީހުން އިތުރު އަދަދެކެވެ.

ވޯޓްލާ މީހުންގެ އަދަދުގެ އިތުރުން، ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮށީގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފުރަތަމަ ބުރުގައި 7 ފޮށި ބެހެއްޓިނަމަވެސް، މިފަހަރު 9 ފޮށި ބަހައްޓާނެއެވެ. އިތުރުކޮށްފައިވަނީ މެލޭޝިޔާ އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި ބަހައްޓާ ފޮށީގެ އަދަދެވެ.

ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާލާއިރު އަބޫދާބީ 442 މީހުން، ޓްރިވެންޑްރަމް-1 608 މީހުން، ޓްރިވެންޑްރަމް2- 455 މީހުން، ލަންކާ، ކޮލަމްބޯ-1: 670 މީހުން، ލަންކާ، ކޮލަމްބޯ-2 640 މީހުން، މެލޭޝިއާ، ކުއަލަލަމްޕޫރް1- 915 މީހުން، މެލޭޝިއާ، ކުއަލަލަމްޕޫރް2- 780 މީހުން، މެލޭޝިއާ، ކުއަލަލަމްޕޫރް-3: 825 މީހުން، އިނގިރޭސިވިލާތް، ލަންޑަން-1: 887 މީހުންނެވެ.

ރާއްޖެއިން ބޭރުގައި ވޯޓްލުމަށް ރަޖިސްޓްރީކުރި މީހުން އިތުރުވީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ބަންދު ދުވަސްތަކެއް ލިބުމުންކަމަށް ބެލެވެއެެވެ. އަދި ފުރަތަމަ ބުރުގައި ވޯޓު ނުލާ ބައެއް ފަރާތްތަކުން ދެވަނަ ބުރުގައި ވޯޓު ލުމަށް ރަޖިސްޓްރީކުރުމަކީވެސް ރާއްޖެއިން ބޭރުގައި ވޯޓްލުމަށް ރަޖިސްޓްރީކުރި މީހުން އިތުރުވި ސަބަބެއްކަަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން