އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ފެނިވަޑައިގަންނަވަނީ އުއްމީދީ މަންޒަރެއް ކަމަށާއި ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ބޭއްވި "ވޮށްކޮޅު" ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ މިދިޔަ 15 ވަރަކަށް ދުވަސް ތެރޭގައި އެމަނިކުފާނާއި ކެމްޕެއިން ޓީމުން އެކި ފަރާތްތަކާއި ބައްދަލުކޮށް ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށެވެ. މިމަހުގެ ތިރީސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކަމުގެ ހެއު ނަތީޖާ ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން އަޅުގަނޑުމެން މި ވޭތުވެ ދިޔަ ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން، އަޅުގަނޑުމެން ބުނިން ޗޭންޖިން ރޫމަށް ވަދެ ރޭވުންތަކެއް ރާވާލައިގެން މި ނިކުންނަނީއޭ، ހަގީގަތުގައި މި ވޭތުވެ ދިޔަ 15 ވަރަކަށް ދުވަހުގެ ތެރޭގައި ޕާޓީގެ ހުރިހާ މެމްބަރުންނާއި އަޅުގަނޑުމެންނަށް ތާއިދުކުރާ މި ކެމްޕޭންގައި ހިމެނޭ ހުރިހާ ބޭފުޅުން މަސައްކަތްތަކެއް ކުރަށްވައިފި، ރެއެެއް ދުވާލެއް ނެތި ވަކި ވަގުތެެއް ނުބަލާ އެކުރި މަސައްކަތުގެ ނަތީޖާ އިރާދަކުރެެއްވިއްޔާ އަޅުގަނޑު ހިތުން 30 ވަނަ ދުވަހު ސާފުކޮށް ފެނިގެންދާނެ، މިއަދު ވެސް އަޅުގަނޑަށް އެ މަންޒަރު އެބަ ފެނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ވެސް ވިދާޅުވީ އެެއްވެސް ދިވެހި ރައްޔިތަކު ކުރީގައި އޮތް އަނިޔާވެރިކަމާ ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ދާން އެއްވެސް މީހަކު ބޭނުންނުވާނެ ކަމަށާއި ރައްޔިތުން ދެން އެދުވަހެއް ނުދެކޭނެ ކަމަށެެވެ.

މީގެއިތުރުން ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނު މިހާރު ވެވަޑައިގަންނަވާ ވައުދުތަކަކީ އާ ވައުދު ތަކެއް ނޫން ކަމަށާއި އެކަންކަމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ކުރިން ވެސް ހިމެނިފައިވާ ކަންކަން ކަމަށެވެެ. އަދި އެވައުދުތަކުގެ ތަފްސީލް ރައްޔިތުންނަށް ވިދާޅުވެދެއްވަން ޖެހެނީ އެކަން އޮޅުވާލައިގެން ވާދަވެރި ފަރާތްތަކުން އެކި ވާހަކަތަށް ފަތުރަމުންދާތީ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ އުއްމީދީ މަންޒަރެއް ކަމަށެެވެ.

"އަޅުގަނޑަށް ފެންނަނީ ވަރަށް އުއްމީދީ މަންޒަރެެއް، އަޅުގަނޑުމެން މިކުރާ މަސައްކަތުން އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް 30 ސެޕްޓެންބަރުގައި ރަނގަޅު ކާމިޔާބީ އެެއް ބޮޑު ކާމިޔާބީ އެއް ލިބޭނެ ކަމުގެ އުއްމީދު ޔަގީންކަން އަޅުގަނޑަށް މިހާރު އެބައޮތް،" ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެ ޖަލްސާގައި ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން