ރިސޯޓް މުވައްޒަފުންނަށް ދެ ދުވަހުގެ ޗުއްޓީ އެއް ހޯދައިދޭން ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "ވޮށްކޮޅު" ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލުކުރަށްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވާފައިވާ ކަމަށެވެ.

އެގޮތުން މިއަދުގެ ވަގުތެއްގައި ރިސޯޓްތަކުގެ ސީނިއާ މެނޭޖްމަންޓުގެ ވަރަށް ގިނަ ބޭފުޅުން އެ މަނިކުފާނާ ބައްދަލުކޮށް އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއްގެ ހިޔާލު ދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސާލިޙު ވިދާޅުވީ، އެ ބޭފުޅުން ހުށަހެޅުއްވި އެއް ކަމަކީ ރިސޯޓް މުވައްޒަފުންނާއި އޯނަރުންނާއި ޓުއާ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފައްދައި، އެ ދާއިރާ ކުރިއެރުމަށް މަސައްކަތްތަކެއް ކޮށްދެއްވުމަށް ކަމަށެވެ. އަދި އެ ހުށަހެޅުން ގަބޫލުކުރަށްވައި އެފަދަ ކޮމިޓީއެއް އުފައްދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ހަފުތާއަކު މިހާރު މަސައްކަތް ކުރާ 48 ގަޑިއިރު މަދުކޮށް 40 ގަޑިއިރަށް ހަދައި، ހަފުތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތް ހައްދަވައިދެއްވުމަށްވެސް ރިސޯޓްތަކުގެ ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ހުށަހެޅުއްވި ކަމަށެވެ. އަދި އެ މަޝްވަރާތައް ރިސޯޓްތަކުގެ އޯނަރުންނާއެކު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.



"މުސާރަ ލިބޭ ފަރާތާއި މުސާރަ ދޭ ފަރާތާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ އެ މަސައްކަތް އަޅުގަނޑު ފަށާނަން،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން