އައްޑޫ ސިޓީ ހިތަދޫ ކެމްޕެއިން ޓީމްތަކާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވައިފިއެވެ.

ރައީސް ކެމްޕޭން ޓީމާއި ބައްދަލު ކުރެއްވީ ބުދަ ދުވަހުގެ ހެނދުނު އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާ ނިންމަވާލެއްވުމަށްފަހުއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން ދެ ދުވަހަށް ވެފައިވަނިކޮށް ބުރަކޮށް މަސައްކަތްކުރެއްވި ކެމްޕެއިން ޓީމާއި ބައްދަލުކުރަން ފުރުޞަތު ލިބިވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި އެފަރާތްތަކުން ކުރި މަސައްކަތް ލިޔެކިޔުމުން ފެންނަން އެބަހުރިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށްވެސް ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ކެމްޕެއިން ކުރެއްވިއިރު ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ނުގެންދެވުމާއި ވޯޓުލާންދިޔަ މީހުންް މަދުވުމަކީ އެއްބުރުން އިންތިޚާބު ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަަބު ކަމަށެވެ. ލިސްޓު ރަނގަޅަށް ނެބުލުމާއި ދަތުރުފަތުރު ހަމަނުޖެހުމާއި އެގްޒިޓްޕޯލް ރަނގަޅަށް ނުބެލުމާއި އިންތިޚާބުގައި އޮބްޒާވަރުން މަދުވުން ފަދަ ކަންތައްތަކަށް ދެވަނަ ބުރުގައި އިތުރަށް ސަމާލުވެލައްވަން ޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަރަކާތުގައި ވާހަކަދެއްކެވި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ އިދިކޮޅުން އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ފިތުނައިގެ ދޮލަނގު ބޮލަށް ލިޔަސް، ސަރުކާރުން ތަރައްގީއަށް ކޮށްދެއްވި މަސައްކަތްތައް ފެންނަން އެބަހުރި ކަމަށެވެ.

އޭނާގެ ވާހަކަތަކަށް ވާގިދެއްވަމުން ހޯމް މިނިސްޓަ އިމްރާން ޢަބްދުﷲ ވިދާޅުވީ ފިތުނައިގެ ވާހަކަތައް ނައްތާލުމުން އެމްޑީޕީއަށް ފުރިހަމަ ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އިމްރާން ވިދާޅުވީ އަހުލާގީ ފެންވަރަށް ބައްލަވާއިރު، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި ރައީސް ޞާލިޙާއި އަޅާވެސް ނުކިޔުއްވޭނެ ކަމަށެވެ. އަދި ރައީސް ޞާލިޙަކީ އޯގާތެރިކަމާއި ކެތްތެރިކަމުގައި ނަމޫނާ ބޭފުޅެއް ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން