އެމްޑީއޭގެ ބޭފުޅުންގެ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫންކަން ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވަނީ އެމްޑީއޭއިން އިިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރެއްވުމަކީ އެމްޑީޕީގެ ބައެއް ބޭފުޅުން މާޔޫސްވިޔަސް، އެކަމާ ކަންބޮޑުވެ ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެމްޑީއޭގެ ނިންމެވުމަށް އިޚްތިރާމްކޮށް މިހާތަނަށް އެ ޕާޓީން ކެމްޕެއިންގައި ކޮށްދެއްވި މަސައްކަތްތަަކަށް ޝުކުރު އަދާކުރެއްވިއެވެ.

އެހެން ނަމަވެސް، އެބޭފުޅުންގެ ނިންމެވުމަކީ އެންމެ ރަނގަޅު ނިންމެވުން ނޫންކަން ލަސްތަކެއް ނުވެ ހާމަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އެއްޗެއް އައިސްފައި ފަހުން ދާނެ ކަމަށް މާނަކުރައްވާ މުހާވަރާއަކަށް އިޝާރާތްކުރަށްވައި އެމަނިކުފާނު ވަނީ މިސާލު ޖައްސަވާފައެވެ.

"އެބޭފުޅުންގެ ނިންމެވުން އަދި އެއީ ރަނގަޅު ނިންމެވުމެއް ނޫންކަމަށް ފަހުން ފެނިގެންދާތަންވެސް ލަސްތަކެއް ނުވެ އެބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ދިވެހިންގެ ތެރޭގައި ބުނެއުޅޭ މުހާވިރާ ބަހެއް އޮވޭ، އަންނަ އެއްޗިހީގެ ތެރޭގައި ދާއެއްޗިހި ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެހެންވީމަ އެކަހަލަ ކަންތައް ދިމާވާނެ. ކަންބޮޑުވެ ވަޑައި ނުގެން ކުރިއަށް ވަޑައި ގަންނަވާ." ރައީސް ޞާލިޙު ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ރައީސް ވަނީ އިންތިޚާބުގެ ފުރަތަަަމަ ބުރުގައި ބޮޑު އަޣުލަބިއްޔަތެއް ނުލިބުނަސް، ދެވަނަ ބުރުގައި ނަތީޖާ އަނބުރާލުމަކީ ނުވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވެފައެވެ. އެގޮތުން، އެމްޑީޕީގެ އެތެރޭގައި ހިނގި ޚިޔާލު ތަފާތުވުންތަކުގެ ފައިދާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިދިކޮޅަށް ހާސިލުވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ގިނަ މީހުން ވޯޓުލާން ނިކުމެ ލިސްޓުތައް ރަނގަޅަށް ބަލަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން