އެމްޑީޕީގެ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ހިތްދަތިކަމާއި އެންމެ ބޮޑަށް ކުރިމަތިލާން ޖެހޭ ބަޔަކީ އައްޑޫ ސިޓީގެ ރައްޔިތުންކަމަށް އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ރަނިންމޭޓް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގައި މިއަދު ބޭއްވި ޖަލްސާގައި އައްޑޫ ކެމްޕެއިން ޓީމްތަކާއި މުހާތަބުކުރައްވަމުންނެވެ.

މި ބައްދަލުކުރުމުގައި ވާޙަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީއާއި އަދާލަތު ޕާޓީން މަސައްކަތްކުރަނީ ދިވެހިން ޒަމާންތަކެއް ވަންދެން ކުރަމުންއައި އުންމީދުތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ.

"އެމްޑީޕީގެ ބޭނުމަކީ، އަދާލަތު ޕާޓީގެ ބޭނުމަކީ މި ރާއްޖެ ބަދަލުކުރުން. މި ރާއްޖެ ކުރިއަށް ގެންގޮސްދިއުން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ނަރުދަމާގެ ނިޒާމާއި ސާފު ބޯފެން ލިބުމުގެ ނަސީބު އައްޑޫ ރައްޔިތުންނަށް ލިބިފައިވާ ގޮތަށް އެހެން ރަށްރަށަށްވެސް އެ ގޮތް ފަހިކޮށްދިނީ މި ސަރުކާރުން ކަމަށެވެ. އަދި ހަމައެއާއިއެކު، ދެކުނުގެ މަސްވެރިންނަށް އެންމެ ދުރަށް ދެވޭނެ އީއީޒެޑް ކަށަަވަރުކޮށްދިނީ މި ސަރުކާރުން ކަން އޭނާ ހަނދުމަފުޅު ކޮށްދެއްވިއެވެ.

އަދި ހަމައެއާއިއެކު، 2013 ވަނަ އަހަރަށްފަހު ޕީޕީއެމް ސަރުކާރު ވެރިކަން ކުރަމުންދަނިކޮށް އައްޑޫ ސިޓީގެ ބައެއް ތަރައްގީގެ މަޝްރޫއުތައް ހުއްޓިގެން ދިޔަ ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން، އައްޑޫ ކޮންވެންޝަން ސެންޓަރ ތަރައްގީނުކޮށް އެތަނުގައި އެޅި ހޮސްޕިޓަލް ރަަނގަޅަށް ނުހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫއަށް އަނިޔާވެރިވާ ސަރުކާރަކަށް ފުރުޞަތު ނުދެއްވާ." އަސްލަމް އިލްތިމާސްކުރެއްވިއެވެ.

އަސްލަމް ވަނީ އައްޑޫ ސިޓީއަށް އެމްޑީޕީން ކޮށްދިން ކަންތައްތައް ބަލައިގަތުމަކީ އައްޑޫ ސިޓީގެ މަސްއޫލިއްޔަތެއް ކަމަށް ފާހަގަކުރައްށްވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ލިބިއްޖެނަަމަ، އަސްލަމް ވެގެންދާނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ފުރަތަމަ ނައިބު ރައީސަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން