އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީ އެކުގައި މަސައްކަތް ކޮށްފިނަމަ އިންތިހާބުގައި މެޖޯރިޓީ ނުލިބޭ އެއްވެސް ރަށެެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ތިނަދޫ ސިޓީގައި މިރޭ އޮތް ކެމްޕޭންް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީ އެކުގައި މަސައްކަތް ކޮށްފިނަމަ ޕީޕީއެމަށް ލިބޭ ވޯޓަށް ވުރެ ގިނައިން ލިބޭނެ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކޮށްފިނަމަ އެއީ ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ގޮތެެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



"ވަކިވަކި ރަށްރަށަށް ބެލި ނަމަވެސް އަޅުގަނޑުމެން ދެބައި މީހުން އެއްވީމާ މެޖޯރިޓީ ނުލިބޭ ރަށެއް ދާދި މަދު، އަޅުގަނޑުމެން ދެބައި މީހުން އެއްވީމާ މި އިންތިޚާބު މިއޮތީ ބޮޑުތަނުން ކާމިޔާބުވެފައި،" ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީގެ ޓީމުތައް ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމަކީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބޭ ކަމެއް ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ޑިމޮކްރެޓުން އެމްޑީޕީއާ ދުރަށް ޖެހިލުމުން ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުވުމުން ޕީޕީއެމަށް ވުރެ އެމްޑީޕީއަށް ލިބޭ ވޯޓު ގިނަކަން ނަތީޖާ އިން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ބުރުގައި ލިބުނު ފިލާވަޅުތަކުން ކަންކަން ރަނގަޅުކޮށްފިނަމަ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަވެރިންނަށް އެމްޑީޕީއާ ކައިރިއަށް ވެސް ނާދެވޭނެ ކަމަށެވެ. އެކަން މުޅި ރާއްޖެއިން ފެންނަމުންދާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް ދެ ދުވަހު އެމްޑީޕީން މީގެކުރިން ކެމްޕޭނު ކުރާ ގޮތަށް ނިކުމެ ބާރަށް މަސައްކަތް ކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން