އެމަނިކުފާނުގެ މާސްޓާ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން ބޭނުންވާކަން ނުވަތަ ނޫންކަން ނިންމާނީ ރައްޔިތުން ކަމަށް ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ މީދޫ ރައްޔިތުންނާއި މުހާތަބުކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚާއްސަކޮށް ތަރައްގީގެ އެކިއެކި ކަންތައްތައް އެމަނިކުފާނުގެ މާސްޓަރޕްލޭންގައި ރާވާފައި ވާނެ ކަމަށެވެ. އަދި އެކަންތައްތައް ކުރިއަށްގެންދަންވީކަން ނިންމަވާނީ ރައްޔިތުންގެ އާނބަހާއި އެއްކޮށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޑރ. މުޢިއްޒު ވިދާޅުވިގޮތުގައި އެމަނިކުފާނު ރައްޔިތުންނަށްޓަކައި ވެރިކަން ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށެވެ.

”އަޅުގަނޑުމެންގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގައި ގެންގުޅޭނެ ހުރިހައި ސިޔާސަތެއް މިހާރު ވާނީ ހާމަކޮށްފައި. ރާއްޖެ ތަރައްގީ ކުރާނެ މުޅި މާސްޓާރ ޕްލޭނާއި އޭގެ ތެރެއިން އެކިއެކި ރަށްރަށުގައި ކުރިއަށް ގެންދާނެ ކަންކަން ވާނީ ބަޔާންކޮށްފައި. މި މަގުން ކަންކަން ގެންދަން ބޭނުންތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުން. ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް ހިނގާ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްދޭނެ ވާހަކަ ވާނީ ދަންނަވާފައި.“ ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯ ވަރަށް ސާފުކޮށް ހާމަކުރައްވާފައިވާނެ ކަމަށާއި ރައްޔިތުންނަށް ކަމުނުދާ އެއްވެސް މަޝްރޫޢުއަކާއިގެން ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހަމައެއާއިއެކު، ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓުމަކަށް ނުގެންނަވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.



މި ޖަލްސާގައިވެސް އެމަނިކުފާނު ވަނީ ސިޔާސީ މަގާމުތައް ނޫން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރަށްވެސް، ޑރ. މުޢިއްޒު ވަނީ އައްޑޫ ރައްޔިތުން ބާކީނުކުރައްވާ އެ ސިޓީގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްލޭންތައް ރާވައި ކުރިއަށް ގެންފާނެކަމަށް ވައުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން