ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުންގެ ގާތްގަނޑަކަށް 44 އިންސައްތަ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މީހުން ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު ޢާންމުކުރެއްވި ތަފާސް ހިސާބުތައް ދައްކާގޮތުގައި މިފަހަރު ވޯޓްލާ މީހުން ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 20 އިންސައްތަ އަކީ ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. މީގެތެރެގައި ދެވަނައަކަށް އެންމެ ގިނައީ ޕީޕީއެމްގެ މެންބަރުންނެވެ. އެއީ ވޯޓުލެވޭ މީހުންގެ 14 އިންސައްތައެވެ.

އެހެނިހެން ޕާޓީތަކަށް ބަލާއިރު ވޯޓުލާ އާބާދީގެ އަށެއް އިންސައްތައަކީ ޖޭޕީގެ މެންބަރުންނެވެ. ވޯޓު ހައްގުވާ މިލިސްޓަށް ބަލާއިރު އެމްޑީއޭއަށް ނިސްބަތްވަނީ 3.7 އިންސައްތައެވެ، އަދާލަތާއި އެމްއެންޕީކުރެ ކޮންމެ ޕާޓީއަކަށް ނިސްބަތްވަނީ ވޯޓުލާ މީހުންގެ 3.5 އިންސައްތައެވެ. އަދި ދެންހުރި ޕާޓީތަކުގެ ތެރެއިން ކޮންމެ ޕާޓީއަކުން ހިއްސާކުރަނީ ވޯޓުލާ އަބާދީގެ ގާތްގަނޑަކަށް އެންމެ އިންސައްތައެކެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މިފަހަރު ވޯޓުލެވޭ މީހުންގެ އުމުރު ފުރާތަކަށް ބަލާއިރު، 41 އިންސައްތަ މީހުންނަކީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނެވެ. މިފަހަރު ވޯޓުލާ އެންމެ ގިނަމީހުން ހިއްސާވާ އުމުރުފުރައަކީ 36 އަހަރާއި 65 އަހަރާއި ދެމެދުގެ އާބާދީއެވެ. މި އުމުރުފުރައިގެ 50.8 އިންސައްތަ މީހުން ވޯޓުލާ އާބާދީގައި ހިމެނެއެވެ. ވޯޓުލާ އާބާދީގެ 8.2 އިންސައްތަ ހިއްސާ ކުރަނީ 65 އަހަރުން މަތީގެ މީހުންނެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އެ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 05:00 ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން