ސިޔާސީ ވާދަވެރިން އިންތިޚާބު ކާމިޔާބުކުރުމަށް ސިހުރު ހަދަން ފަށާފައިވާކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ތުހުމަތު ކުރަށްވައިފިއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.މުޙައްމަދު އިޔާޒު މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމަށް ވާދަވެރިން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ސިހުރުގެ އެހީތެރިކަން ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުން ދުރުހެލިވުމަށް އިޔާޒް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.





އިޔާޒުގެ މެސެޖްގައި ސިހުރުގެ ނުބައިކަމާއި، ސިހުރުގެ ސަބަބުން މީހާ ދީނުން ބޭރުވާކަމާއި، އެއީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ބޮޑު 7 ފާފައިގެ ތެރޭގައި ހިމެނޭ ފާފައެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އިޔާޒު ވިދާޅުވީ ސިހުރު ހެދުމަކީ އިންތިޚާބުގެ ނަޒާހާތްތެރިކަން ގެއްލިގެންދާ ފަދަ ކަމެއް ކަމަށެވެ. އެގޮތުން ފުރިހަމަ ޑިމޮކްރަޓިކް ނިޒާމް ގެންނަން ބޭނުންވާނަމަ މިނިވަން އިންސާފުވެރި އިންތިހާބަކަށް ޖާގަ ދޭންޖެހޭ ކަމަށް އިޔާޒު ވިދާޅުވިއެވެ.

"ސިހުރާއި، އެނޫން ވެސް ޣައިރު ޝަރުއީ ޣައިރު ޤާނޫނީ ގޮތްގޮތުން އިންތިހާބުގެ ނަތީޖާ އާއި ކުޅުމަށް މަސައްކަތް ކުރުމަކީ މުޅި މުޖުތަމައުގެ އަމަން އަމާންކަމާއި ހަމަޖެހުމަށް ލޮޅުން އަރާފާނެ ކަމެއް، އެހެންކަމުން މިފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވާންޖެހޭ،" އިޔާޒު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ޑރ. އިޔާޒު މިފަދަ ތުހުމަތެއް ކުރެއްވި ނަމަވެސް އެފަދަ ކަމެއް ފެންމަތިވެގެން އުޅޭ ކަމުގެ ސާބިތުހިފޭ މައުލޫމާތެއް އާންމުވެފައެއް ނުވެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް-ޕީއެންސީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަށްވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން