ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޯޓްލާ މީހުންގެ މެދު އިނގިލީގައި ޖަހަން ނިންމި ނިޝާން ވައަތުގެ ކަށި އިނގިލީގައި ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ދެވަނަ ބުރުގައި ވޯޯޓްލާ މީހުންގެ މެދު އިނގިލީގައި ނިޝާން ޖަހަން ނިންމައި، އެކަން އިއުލާންކުރީ މިއަދުއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް، ވޯޓުލާ މީހުންގެ ވައަތުގެ ކަށި އިނގިލީގައި ފާހަގަ ޖަހާގޮތަށް ނިންމާފައެވެ.

ދެވަނަ ބުރުގައި ވޯޯޓްލާ މީހުންގެ މެދު އިނގިލީގައި ނިޝާން ޖަހަން ނިންމުމަށްފަހު އެކަން ބަދަލުކުރީ ކީއްވެކަމެއް އީސީން ހާމައެއް ނުކުރެއެވެ.



ރާއްޖޭގައި އޮންނަ ސަގާފަތުގެ ތެރެއިން ވޯޓްލުމަށްފަހު، ވޯޓްލީކަން އަންގައިދޭން ސިޔާސީ މީހުންނާއި އާއްމުންވެސް ކުރާ ކަމަކީ، އެހެން އިނގިލިތައް މަޅާލުމަށްފަހު، ވޯޓްލުމަށް ފާހަގަޖަހާފައި ހުންނަ އިނގިލި ވަކިން ފޮޓޯއަށް ދައްކާލުމެވެ. މެދު އިނގިލީގައި ނިޝާން ޖަހާ ގޮތަށް އޮތްނަމަ، އިންތިހާބު އޮންނަ ދުވަހު ސޯޝަލް މީޑިއާ ފުރިފައި އޮންނާނީ އެންމެން މެދު އިނގިލި ދިއްކޮށްގެން ތިބޭ ފޮޓޯތަކުންނެވެ. އެގޮތަށް މެދު އިނގިލި ދިއްކުރުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ހަޑިހުތުރު، ބޭ އަދަބީ އަމަލެކެވެ.

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހު ހެނދުނު 08:00 އިން ހަވީރު 05:00އާއި ހަމައަށެވެ.

މި އިންތިޚަބުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން