އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ވޯޓު ދިނުމަށް އެދި ސިޔާސީ ލީޑަރުން ޓުވީޓެއް ކޮށްދެއްވުމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އެދިވަޑައިގެންފިއެެވެ.

އިމްރާން މިކަމަށް އެދިވަޑައިގަތީ ސޯސަން މަގު ޖަގަހަ ކުރިމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސަށް ވޯޓް ދެއްވަން އެދި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް އާއި މައުމޫން އަބުދުލްގައްޔޫމާއި އުމަރު ނަސީރު އެންމެ ކުޑަމިނުން ޓުވީޓެއް ކޮށްލަ ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެެވެ. އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ސިޔާސީ ލީޑަރުން ޖަލަށްލާނެ ކަމުގެ ބިރު އެބައޮތް ކަމަށެެވެ.

"އަޅުގަނޑުގެ ފަހުގެ އިލްތިމާސަކަށް ރައީސް މައުމޫނާއި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް އާއި އުމަރު ނަސީރާއި ދެން ވެސް ތިއްބެވި ބޭފުޅުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ވޯޓް ދެއްވުމަށް އެދި ޓުވީޓެއް ކޮށްލައްވާށޭ، އަޅުގަނޑަށް އެނގޭ އޭގެ އެއްވެސް ބޭފުޅަކު ބޭނުން ނޫން ކަމަށް އެނބުރި ޖަލަށް ވަޑައިގަންނަވާކަށް. އެބޭފުޅުންގެ ތެރޭގައި އެ ވާހަަކަ އެބަ ދެކެވޭ ޖަލަށް އެނބުރި ދާންޖެހިދާނެ ހާލަތު އަތުވެދާނެތީ ދެރަވެ އެވާހަކަ އެބަ ދެކެވޭ. ކަންބޮޑުވޭ އެބޭފުޅުން. އަޅުގަނޑު ހަމަ އިލްތިމާސްކުރަން ޓުވީޓެއް ކޮށްލާނެހާ ހިތްވަރު ތިބޭފުޅުން ގެނެސްދެއްވާށޭ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް އިންތިޚާބު ކާމިޔާބުކުރައްވައިފިނަމަ މުޅި ދައުލަތް އެފުށް މިފުށަށް ޖަހާލާނެކަމަށާއި އިދިކޮޅުގެ ވެރިކަމެއް ރާއްޖޭގައި ގާއިމުވެއްޖެނަމަ ދައުލަތުގެ މުއައްސަސާތައް އެކީ ޚަރާބުކޮށްލާނެކަމަށެވެ.

މީގެއިތުރުން މުޢިއްޒަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ދެން ރިޔާސީ އިންތިހާބެއް ވެސް ނޯއްނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަަމަ ސިޔާސީ ޕާޓީތައް ވެސް އުވާލާނެ ކަމަށާއި ސަރުކާރާއި ދެކޮޅަށް ނެރޭ ނޫސްތަކާއި ޓީވީ ޗެނަލްތައް ހުއްޓުވައި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން އެއީ އަނިޔާވެރިކަމުގެ އިންތިހާ ކަމަށާއި އެ އަނިޔާވެރިކަމުގެ ތެރެއަށް ނުދިޔުމަށް މާދަމާ ބާއްވާ އިންތިހާބުގައި ރައީސަށް ވޯޓް ދިނުމަށް އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ، ރައީސް ސާލިޙަކީ ރައްޔިތުންނަށް އޯގާތެރި ވެެރިއެއް ކަމަށާއި މިދިޔަ ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ކަމަށެެވެ. އަދި މިހާރު ވެސް ހިންގާ ތަރައްގީ ޕްރޮޖެކްޓްތައް ހުއްޓެން ބޭނުންނުވާނަމަ ރައްޔިތުން ނިކުމެ ރައީސަށް ވޯޓް ދެއްވުމަށް އިމްރާން އެދިވަޑައިގެންނެވިއެވެ.

"ރައްޔިތުންނަށް ހަމަހަމަ ކޮށް އިންސާފުވެރިކޮށް ހުރިހާ ރަަށެއް ތަރައްގީކޮށްދެއްވާފައި އެ އޮތީ. ލިސްޓު ކިޔާނަމަ މ. އަތޮޅާ ރަތްމަންދޫއާއި ވ. ރަކީދޫ އާއި އދ. ދިއްދޫއަށް އަރުއްވާ، އެންމެ ކުޑަ އާބާދީތައް ބައްލަވާ، އަށް ޕްރޮޖެކްޓް ދިހަ ޕްރޮޖެކްޓް އެގާރަ ޕްރޮޖެކްޓް ކުރިއަށްދަނީ، ބައެއް ތަންތަން އެއްކޮށް ނިމިފަ، އަނެއްބައި ތަންތަން 90، 95 އިންސައްތަ ނިމިފައި އެހެރީ. ބައެއް ތަންތަނުގައި ފެން ހޮޅި ދޫކޮށްލަން ތައްޔާރުވަނީ. ވޯޓްލާ ދުވަސް އަންނައިރު. އަޅުގަނޑުމެންގެ ލޯ މައްޗަށް އެބަފެނޭ މި މީހުން މި ޕްރޮޖެކްޓްތައް ހުއްޓުވާނެ. އައްޑޫ ހީވަނީ ކޮންސްޓްރަކްޝަން ސައިޓެއް ހެން. ހިންގާ ޕްރޮޖެކްޓްތައް ހުއްޓާލާނެ، އައްޑޫގައި އެއްވެސް ކަމެއް މުޢިއްޒު ނުކުރާނެ." އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން