ދެ ކެންޑިޑޭޓުންގެ ރިޔާސީ ކެމްޕެއިން ސުލްހަވެރިކަމާއިއެކީ ނިންމަވާލެއްވުމަށްފަހު ކެމްޕޭން ކުރުން މަނާގަޑީގައި ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަން، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އިލްތިމާސްކުރައްވައިފިއެވެ.

ހަބީބު ވަނީ އިންތިޚާބުގެ ކެމްޕެއިން ކުރުން މަނާ ގަޑިތަކުގައި ކެމްޕެއިން ނުކުރެއްވުމަށް ހަނދުމަކޮށްދެއްވައި ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމުމުގެ ހަރަކާތްތައް ސުލްހަވެރިކަމާއެކު ނިންމެވުމަށް އިލްތިމާސް ކުރަށްވާފައެވެ.

މީގެއިތުރުން ކެމްޕެއިން ކުރުން މަނާ ވަގުތު ކަމަށްވާ، ހުކުރުދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 6:00 އަށް ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ނުހިންގެވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އަދި ހަމައެއާއިއެކު، ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ނުކުރުމަށްވެސް ހަބީބު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރަށްވެސް، އެހެން ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތަށް ބުރޫ އަރާފަދަ އަމަލެއް ނުކުރުމަށާއި އެހެން ކެންޑިޑޭޓަކާއި ދޭތެރޭ ރުޅިވެރިކަން އުފެދޭ ގޮތަށާއި ޒާތީ ކަންކަމާއި ބެހުން ފަދަ އަމަލުތައް ނުކުރުމަށްވެސް ހަބީބު އެދިވަޑައިގެންނެވިއެވެ.

މިއަދަކީ ކެމްޕެއިން ކުރަން ލިބޭ އެންމެ ފަހު ދުވަސް ކަމަށްވާތީ އެމްޑީޕީ އަދި ޕީޕީއެމް-ޕީއެންސީން ވަނީ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ކެމްޕެއިން ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ.

މާދަމާގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 08:00 އިން ހަވީރު 05:00 ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން