ރާއްޖެއިން އަނިޔާވެރިކަން ތާ އަބަދަށް ނައްތާލައި އަދުލުވެރިކަމާއި ހަމަހަމަ ކަމާއެކު ވެރިކަން ކޮށްދެއްވާނެ ކަަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިން ނިންމާލުމަށް މިއަދު ބޭއްވި ހިނގާލުމުގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ މުޅި ރާއްޖެއިން ތާއަބަދަށް އަނިޔާވެރިކަން ނިމުމަކަށް ގެންނާނެކަމަށެެވެ. އަދި އެމަނިކުފާނު ރައީސް ކަމަށް ކުރިމަތިލެއްވީ ހުރިހާ ދިވެހި ރައްޔިތުންނަށް އަދުލްވެރި އިންސާފުވެރި ވެރިކަމެއް ކޮށްދިނުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދިވެހި ހާރިޖީ ސިޔާސަތު ދިވެހިންގެ އަތްމަތީގައި އޮތްކަން ޔަގީން ކޮށްދެއްވާނެ ކަމަށެވެެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ބޭރު ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ތަރައްގީ ގެނައުމުގައި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރައްވާނެ ކަމަށެެވެ. އަދި ރާއްޖޭގެ އިގްތިސާދު ވައްޓާލާފައިވާ އަނދަވަޅުން ނަގައި ކޮޅަށް ޖަހައިދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ގައުމުގެ ރައްޔިތުން ފުދުންތެރި ބަޔަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާދަމާގެ ވޯޓަކީ ގައުމު ހަމަ މަގަށް އަޅުވަން އެންމެން އެކަތިގަނޑަކަށް ވާނެ ވޯޓެއް ކަމަށާއި މި މަސައްކަތް ކާމިޔާބުވެ ދާން ބޭނުންވާ މަންޒިލަށް ދެވޭ މަންޒަރު ފެންނަމުންދާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެވިއްޔާ މާދަމާ ވެގެންދާނީ އަޅުގަނޑުމެންނަށް ކާމިޔާބީގެ ދުވަހަކަށް. އިރާދަކުރެވިއްޔާ 1 އޮކްޓޫބަރުގައި އަލިވިލޭނީ މިނިވަން ޖައްވަކަށް." މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން