އެމްޑީޕީން މީގެ ކުރީގެ އިންތިޚާބެއްގައިވެސް ޤާނޫނާއި ޤަވާއިދާއި ޚިލާފުވެފައި ނުވާނެ ކަމަށާއި މިފަހަރުގެ އިންތިޚާބުގައިވެސް އެ އުސޫލުގައި ދެމިތިއްބަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވާޙަކަދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީއޭ ކިޔައިގެން އެކިގޮތްގޮަތަށް މީހުން ތުހުމަތުތައް ކުރަމުން ދާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ވަނީ އެ ޕާޓީއަކީ މާޒީގައިވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފު ވާނެ ޕާޓީއެއް ނޫންކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރެމުންދާތަން އެބަ ފެނޭ. ތަފާތު ތުުހުމަތުތައް އަޅުގަނޑުމެންނާއި ދޭތެރޭ ކުރެވެމުން އެބަދޭ. އެކަމަކު އަޅުގަނޑު ޔަޤީންކޮށް އަރުވަނީ އެމްޑީޕީގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް މިހާތަނަށް އެއްވެސް އިންތިޚާބެއްގަ ހިނގާފައެއް ނޯންނާނެކަމަށް. މި އިންތިޚާބުގައިވެސް އަޅުގަނޑުމެން ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް.” ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ވިސްނުންފުޅު ބަދަލުވަމުންދާތީ އެމަނިކުފާނަށް ވޯޓުގެ ސީދާ ނަތީޖާއެއް ލަފާކުރައްވަން ދަތިފުޅުކަމަށެވެ. އެހެން ނަމަވެސް، އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށް ރައީސް ޞާލިޙު ވަނީ ޔަގީންކަމާއިއެކީ ވިދާޅުވެފައެވެ. އަދި ފުރަތަމަ ބުރާއި އަޅާ ބަލާއިރު މިއަދު ހެނދުނު ވޯޓުލީ މީހުންގެ އަދަދު ގިނަކަމުން ގާތްގަނޑަކަށް 88 އިންސައްތައަށްވުރެ ގިނަ މީހުން އިންތިޚާބީ ޙައްޤުގެ ބޭނުން ހިފާނެ ކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޕަސެންޓޭޖް މިވެނި ވަރެކޭ ބުނަން މިވަގުތު ދަތި. އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ސިޔާސީ ބޭފުޅުންގެ ވިސްނުން ބަދަލުވަމުންދާތަން އެބަ ފެނޭ. މިކޮޅަށްވެސް އެބަ އަރާ ޕީޕީއެމްއަށް ބަދަލުވާ ބަޔަކުވެސް އެބަ ފެނޭ." ރައީސް ޞާލިޙު ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި އެމްޑީޕީއަށް ތާއީދުކުރެއްވި އެމްޑީއޭއިން ވަނީ ދެވަނަ ބުރު ބާއްވަން ތިން ދުވަހަށް ވެފައިވަނިކޮށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރާކަން ވަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން