ފަސް އަހަރުގެ ދައުރަކަށް ހޮވޭ މީހާ އަނެއް ފަސް އަހަރަށް ކޮންމެހެން ހޮވެން މަޖުބޫރު ނޫންކަމަށާއި އެމަނިކުފާނު ނައިބު ރައީސްކަން ކުރެއްވީ ވަކި މީހަކަށްޓަކައި ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އައު ޤާނޫނު އަސާސީގެ ދަށުން ނައިބު ރައީސްގެ ދައުރު ފުރިހަމަކުރެއްވި ފުރަތަމަ ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވީ ވޯޓުލެއްވުމަަށްފަހު ދެއްވި އިންޓަވިއުއެއްގައިއެވެ. ފައިސަލް ވަނީ މި ދައުރުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންގ މޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެހެން ނަމަވެސް، ރައީސް ޞާލިޙު ރަނިންގ މޭޓަކަށް އިޚްތިޔާރުކުރެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމްއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ފައިސަލް ފަދަ އިޚްލާސްތެރި ނައިބު ރައީސަކު ރަނިންގމޭޓަކަށް ނުނެންގެވުމަކީ ވަރަށް އުނދަގޫ ނިންމެވުމެއް ކަމަށެވެ. އެކަމާއި ގުޅޭގޮތުން ފައިސަލް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުނުވި ނަމަަވެސް، މިއަދު އެމަނިކުފާނު ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. ފައިސަލް ވިދާޅުވީ ރަނިންގމޭޓަކަށް ވުމަށް ވަރަށް އުންމީދުކުރެއްވި ކަމަށެވެ.

"އެއްވެސް ހާލެއްގައި ވަކި މީހަކަށް އަޅުގަނޑު ކޮށްދޭ ކަމެއް ނޫން. އެހެންވީމާ، އެ ގޮތުގައި އެންމެ ފަހު ދުވަހާ ހަމައަށް އަޅުގަނޑުު ހުންނާނީ އެހެން. ދިިވެހި ގައުމު އަޅުގަނޑު އެންމެ މުހިންމީ. އަޅުގަނޑު ދެމި ހުންނާނީ ދިވެހި ރައްޔިތުންނާ އެއްކޮށް. އަޅުގަނޑު ހެޔޮ އެދެނީ ދިވެހި ގައުމަށް. އެކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރާނަން. އެ ވިސްނުމަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ." ނައިބު ރައީސް ވިދާޅުވިއެވެ.

އަދި ހަމައެެއާއިއެކު، ފަސް އަހަރުގެ ދައުރެއް ނިންމަވާ ބޭފުޅާ ކޮންމެހެން ދެވަނަ ދައުރަކަށް އިންތިޚާބުވާކަށް މަޖުބޫރު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ކޮންމެ 5 އަހަރަކުން އެއް ދައުރަށްވުރެ އަނެއް ދައުރު މާ ފުރިހަމަކޮށް ވެރިކަން ކުރެއްވޭނެ ކަމަށާއި އެމަނިކުފާނުވެސް އިތުރު ދައުރެއްގައި ކުރަން ބާކީ ހުރި ބޭނުންތެރި ކަންކަން ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އެކަމަކުވެސް، އެމަނިކުފާނު މަސައްކަތްކުރެއްވީ އިތުރު ދައުރެއް ހޯއްދަވަން ނޫން ކަމަށާއި އެމަނިކުފާނު މަސައްކަތްކުރެއްވީ ވަފާތެރިކޮށް ވީ އެންމެ ރަނގަޅަކަށް މަސްއޫލިއްޔަތު އަދާކުރެއްވުމަށް ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ވެސް ކުރެވުނު ކަމަށް. އަޅުގަނޑު އުންމީދު ކުރާ ގޮތް އެއީ." ފައިސަލް ވިދާޅުވި އެވެ.

"އަަޅުގަނޑު ބެލީ އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް ކަންތައްތައް ކުރަން. އަޅުގަނޑަށް އޭރު ވެސް ގަބޫލު ކުރެވުނީ އެއް ފަސް އަހަރަށް ހޮވޭ މީހަކީ އަނެއް ފަސް އަހަރަށް ހޮވެން ކޮންމެހެން މަޖުބޫރެއް ވެސް ނުވާކަން. ކޮންމެހެން ހޮވާކަން ވެސް ނުޖެހޭކަން. ރައްޔިތުންގެ ނިންމުމެއް އެއީ،" ފައިސަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން