ރިޔާސީ އިންތިހާބުގައި ދިމާވި ވޯޓު ބާތިލުމުގެ މައްސަލައަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އިލެކްޝަންސް ކޮމިޝަން، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބު މިގޮތަށް ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ބާތިލް ވޯޓު ގިނަކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ހަބީބު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަވުމަކީ، ކޮމިޝަނުގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށާއި އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ކޮމިޝަނުން އެކަމަށް ޙައްލެއް ހޯއްދަން މަސައްކަތްކުރައްވާނެ ކަމަށެވެ.

އެއް އިންތިޚާބެއްގެ ތަޖްރިބާގެ އަލީގައި، އަނެއް އިންތިޚާބެއްގައި، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން، ކަންތައްތައް ތަރުތީބުކޮށް އިސްލާޙް ކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ހަބީބު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ބަޖެޓްގެ ތާށިކަމާހުރެ، އެންމެ ފުރިހަމައަށް، އެންމެ ބާރު ސްޕީޑްގައި ކަންތައްތައް ނުވެ ހުންނަކަންވެސް އޭނާގެ ފާހަގަކުރެއްވިއެވެ.

އެންމެ އެކަށީގެންވާ ގާބިލް އޮފިޝަލުން ނުލިބުމަކީވެސް މިފަދަ ގޮންޖެހުމެއް ކަމަށާޢި އީސީގެ ޓީމަކީ ގޮންޖެހުންތަކާއެކުވެސް، ނަޒާޙަތްތެރިކަން އިސްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް ހުނަރުވެރި ގާބިލް ޓީމެއް ކަމުގައި ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން ރޭ ޢާންމު ކުރަން ފަށާފައިވާއިރު، ވަގުތީ ނަތީޖާ މިއަދު އިޢުލާންކޮށް ނިމި، ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާވެސް މިއަދު އިޢުލާން ކުރެވޭނެ ކަމުގައި ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި އެކާވީސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުންގެ އިންސައްތަވެސް 87 އަށްވުރެ މަތިކަން ހަބީބްގެ ފާހަގަކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން