ބަރުލަމާނީ ނިޒާމުން ފައިދާ ވާނީ ރައްޔިތުންގެ ބަދަލުގައި މަޖިލީސް މެންބަރުންނާއި ބޮޑުވަޒީރަށް އެކަނި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކުން ފައިދާވާނީ މަޖިލިސް މެންބަރުންނާއި، މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށް ކަމަށެވެ. އަދި ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ޤަބޫލު ކުރައްވާ ކަމަށްވެސް އާގާނޫނު އަސާސީ އެކުލަވަލާ ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވިއެވެ.

މި އޮކްޓޫބަރު މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވީނަމަވެސް، ރާއްޖޭގެ ޤާނޫން އަސާސީއާއި ޤާނޫން ތަކާއި އެއްގޮތަށް ރިޔާސީ އިންތިޚާބެއްގެ ދެ ބުރު ބޭއްވި، ދިވެހިރައްޔިތުންނާއި، ބައިނަލް އަޤްވާމީ މުޖުތަމަޢުން އެ އިންތިޚާބުގެ ނަތީއްޖާ ޤަބޫލުކޮށްފައި ވަނިކޮށް، އިންތިޚާބީ ރައީސާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމީ ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފު އަދި ބައިނަލް އަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅީން ޚިލާފުކަމެއްގެ ގޮތުގައި ގާސިމް ސިފަކުރައްވާފައިވެއެވެ. އަދި މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޢަމަލު ކޮށްފައިވާ ގޮތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއިއެކު، ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ޤާނޫންއަސާސީއާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަޑުބަޑުކުރުމަކީ ޤައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ޤަބޫލު ކުރާނޭކަމެއް ނޫން ކަމަށާއި ކޮށްގެންވާނެކަމެއް ވެސް ނޫން ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.

އެހެން ކަމުން ތިމާމެން އެދޭގޮތް ހާޞިލް ކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ޤައުމުގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ޤައުމުގައި އުފެދިގެންދާނީ، ފިތުނައާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑު ނޫން ކޮން އެއްޗެއްތޯއޭ ވިދާޅުވެ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިކަމުގެ ސަބަބުން މުޅި ޤައުމާއި ރައްޔިތުންނަށް ލިބިގެންދާނޭ ނިކަމެތިކަން ތަޞައްވުރު ކުރެވޭތީ މިކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމުގައިވެސް ގާސިމް ވިދާޅުވެފައި ވެއެވެ.

ކަންމިހެން އޮތުމާއި އެކު މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލްކްޝަންސް ކޮމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކިޕާޓީއަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއިއެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލު ކުރާނޭ ވޯޓެއް ނޫންކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމުގައި ގާސިމް ވިދާޅުވިއެވެ.

އެހެން ކަމުން ޤައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިޚާބު ކުރެއްވި ފަރާތްތަކާއި ހަވާލުކޮށް، އަމާން ކަމާއި އޮމާން ކަމާއިއެކު ޤައުމާއިގެން ކުރިއަށްދިއުމަކީ، މިއަދު ދިވެހި ޤައުމުގެ ހައްޤުގައި އެންމެ އިސް ވާޖިބު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ. އަދި ޤައުމު ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތްކޮށް، ތަފާތު ރޮނގޮރޮނގުގައި ޤައުމު ކުރިއަށް ގެންދެވޭނީ ޤައުމުގައި ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ޤާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމީ ދެބަސްވެވެން ނެތް ހަޤީޤަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ މިހުރިހާ ހާލަތަކަށް ރިޢާޔަތް ކުރުމަށްފަހު، މި ވޯޓުނެގުމަށް ވަކާލާތުކުރާ އެންމެހާ ފަރާތްތަކުގެ ކިބައިން ޤައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ ވަކާލާތު ހުއްޓާލައްވާ މުޅިޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމު އިސްކޮށް ޤައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން